ރ. ވާދޫގައި ދަނޑު ހައްދަން ދޫކުރާނެ ބިން މަދު ކަމަށާއި ބާރު އަޅަނީ ގޯތިތަކުގައި ޒަމާނީ ދަނޑުވެރިކަމެއް ކުރުމަށް ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއްޖެއެވެ.

ހުސައިން ޢަލީ ރ. ވާދޫ ލައިވް އަށް ވިދާޅުވީ ކޮންމެ ވެސް ވަރަކަށް ދަނޑުބިން ދޫކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ލޭންޑް ޔޫޒް ޕްލޭންގައި ވެސް ދަނޑު ހެއްދުމަށް ޖާގަތަކެއް ހިމަނާފައި ވާނެ ކަމަށެވެ. އެކަމަކު ވާދޫގައި ގޯތި ދޫކުރުމަށް އަދި އެހެންކަންކަމަށް ބިން ކަނޑައެޅުމަށް ފަހު ދަނޑުވެރިކަމަށް މާ ބޮޑު ސަރަހައްދެއް ދެވެން ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުސައިން އަލީ ވިދާޅުވީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ގަސް ހައްދަން ދަސްކޮށްދިނުމަށް ރަށުގައި ތަމްރީން ޕްރޮގުރާމްތަކެއް ހިންގިފައި ވާ ކަމަށެވެ. އެ ގޮތުން ހައިޑްރޯ ފޯނިކްސް ސިސްޓަމް ބޭނުންކޮށްގެން ގަސްހެއްދުމަށް ތަމްރީން ޕްރޮގުރާމެއް ހިންގުނު ކަމަށެވެ.

ވާދޫގައި ދޫކޮށްފައިވާ ގޯތިތަކުގެ ޖާގަ ތަނަވަސް ކަމަށާއި ގޯތި ތެރޭގައި އެ ފަދަ ޒަމާނީ ވަސިލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ކައުންސިލުން ވަރަށް ބާރު އަޅަން އެކަން އެ ގޮތަށް ކުރުމަށް، މިހާރު ވެސް ބައެއް ބޭފުޅުން އެ ގޮތަށް ގޭގައި ގަސް ހައްދާ“ ހުސައިން ވިދާޅުވިއެވެ.