ފަންގިވިނުމަކީ ޒަމާނުއްސުރެން ރ. ވާދޫގައި ކުރަމުންއައި ވަރަށް ގަދީމީ މަސައްކަތެކެވެ. އެ މަސައްކަތް ފެށުނު ގޮތެއް ކަމަށް ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ފަތްފޮތްތަކުގައި ލިޔުއްވާފައި ވަނީ، އެދުވަސްރު ގިނަމީހުން ގެދޮރު އަޅާއިރު ފުރާޅާއި ގޭގެ ބިއްތައް ހަދަނީ ދަނޑިން ގަތާފައި ފަންޖަހައިގެން ކަމަށް ވާތީއެވެ.

އޭރު ރަށުގައި ހުންނަ ގެތަކުގައި ގަލުން ރާނާފައިވާ ފާރުގެ ބަދަލުގައި ފެންނަށް ހުންނަނީ މުޅިންހެން ފަނުންހަދާފައި ހުންނަ ފުޅަފެވެ. އެގޮތުން ދަނޑިފަނުން ގެދޮރު ޢިމާރާތް ކުރުމުން ގޭތެރެ ފިނިވުމާއި ހޫނުން ސަލާމަތްވެ ޤައުމުން ލިބޭ އެއްޗަކުން ގެދޮރުހެދުމުން ބޭރު ފައިސާ ހޯދަން ނުޖެހި އަމިއްލަ ފުދުންތެރި ކަމުގައި އުޅެވުނެވެ. ޒަމާނަށްއައި ބަދަލާއިއެކު ދަޑިފަނުގެ ބިއްތަކާއި ފަންފުރާޅު ދޫކޮށް ގާތަޅައިގެން އުވަދަވައިގެން ފާރުތައް ރާނަން ފެށުނެވެ.

ޒަމާނަށް އައި މިދެންނެވި ބަދަލާއެކު ފަންގިވިނުމުގެ މަސައްކަތަށް ހީނަރުކަމެއް ލިބިފައިވުމަށް ފަހު 70 ވަނަ އަހަރު އުފަންވި ފަތުރުވެރިކަމުގެ ސިނާއަތް ފެށުމާއިއެކު މިރާއްޖޭގެ އާދަކާދަ ދަށްކުވައި ދިނުމުގެ ބޭނުމުގައި ޢިމާރާތްތަކުގެ ފުރާޅުގެ ބޭރުން ފެންނަށް ހުން ގޮތަށް ފަންގި އެރުވުމަކީ ދިވެހި ޝަޤާފަތް ދައްކުވައި ދިން އެންމެބޮޑު އެއް ދިރުމެވެ. މިހެންވުމުން ހީނަރުވަމުން ދިޔަ ރާއްޖޭގެ ޤަދީމީ މަސައްކަތެއްކަމަށްވާ ރާއްޖެތެރޭގެ އަންހެން ކަނބަލުން ފަންގިވިނުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބުނެވެ. އެހާރުން ފެށިގެން އަދާ ހަމައަށް ވެސް މި މަސައްކަތް ކުރަމުން އަންނަނީ މި ބޭނުމަށެވެ.

ދިވެހިބަސް ފޮތުގައިވާ ގޮތުގައި ފަންގިވިނުމަކީ ތިން އިލީގައި ތިން ފަށް ރޯނު ގުޅައިގެން ވަކި ދުރުމިނެއްގައި ބަހައްޓައިގެން ފަންވަތްތަކެއް ވަކިގޮތަކަށް އެމުނުމެވެ. ފަންގި ވިނުމަށް ބޭނުންވަނީ ރުއް ދޮށަށް ވެރިފައި ހުންނަ ހިކި ފަނުގެ ފަންވަތެވެ. ފަނުން ފަންވަތް ކީހައިގެން ބޮނޑިބޮނޑިއަށް ބަނދެގެން ގެއަށް ގެނެސް ނުވަތަ އަތިރި މައްޗަށް ގެންގޮސް ފަންގި ވިނދެ އުޅުނެވެ.

ފަންގި ވިންނަނީ ތިން ’އިލި‘ ބޭނުން ކޮށްގެންނެވެ. އިލި ނުވަތަ އިއްޔަކީ ’ދެއެއްޗެއް ހަރުކުރާއިރު މޮހޮރުގެ ބަދަލުގައި ޖަހާން ލަކުޑީން ފޯލިކޮށް އެއްކޮޅަށް ހިމަކޮށް ހަދާ އެއްޗެކެވެ.

އިލި ހުންނާނީ އަތުން ފަހަން ގެންގުޅޭ ތިނޯސް ގޮތަށް އެކަމަކު ފޫޓެއް ނުވަތަ ދޮޅުފޫޓް ހައި ދިގުކޮށް ހިމަ ފަތިކޮށެވެ. ތިން އިލީގެ ފަގައަށް (ތިނޯހަށް ރޮދިލައްވާ ގޮތަށް) ހިމަ ރޯނު ލައްވައެވެ. އެއަށްފަހު ހިކި ފަންވަތުން ދެ ފަންވަތް ނަގައި އެއް ފަންވަތުގެ ބަނޑުދޮށުގައި އަނެއް ފަންވަތް ޖައްސައެވެ. އެއަށްފަހު އިލި ކޮށްޕާލަނީ އިލޮށީގެ ދަށުންނެވެ. މިގޮތަށް ބައިވަރު ފަންވަތްތައް އަމުނަމުން ގޮސް 12 ނުވަތަ 13 ރިޔަން ހުންނަވަރުގެ ފަންގަނޑު ވިޔެއެވެ.

މި ގޮތަށް ވިޔެ ނިންމައި ފަންގަނޑުތަކެއް އެއްކޮށް ބޮނޑިއަކަށް ބަނދެއެވެ. އާންމުކޮށް ރ. ވާދޫގައި ބޮނޑިއެއްގައި ހިމަނަނީ 4 ފަންގަނޑެވެ. މި ގޮތަށް ފަންބޮނޑިތައް ބަނދެ ރައްކާކުރެއެވެ. ދެން ރަށަށް ފަން ގަންނަ އަންނަ ބަޔަކަށް އެ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދައެވެ. އެކަމަކު މިހާރަކަށް އައިސް ފަން ގަންނަ ފަރާތްތަކުން އެކަށީގެންވާ އަގެއް ނުދޭ ކަމަށް ފަންގިވިންނަ ކަނބަލުން ބުނެއެވެ. ބުރަ މަަސައްކަތުން އެކަށީގެންވާ ނަފާއެއް ނުލިބޭ ކަމުގެ ޝަކުވާ އެބަ އެކަނބަލުން އެބަ ކުރެއެވެ. ހަމައަގު ނުލިބޭ ވާހަކ އެބަ ދައްކަައެވެ.