އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް، ފައިޒާ ވެކްސިން ދިނުމުގެ ކުރިން ބެލެނިވެރިންނަށް މައުލޫމަތު ދިނުމަށް ރ. ވާދޫ ސްކޫލުން ބައްދަލުވުމެއް ބާއްވައިފިއެވެ.
އާދީއްތަ ދުވަހު އެ ސްކޫލްގައި އޮތް ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ރ. ވާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އެމަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ޝިފާނާ މޫސާ ކަމަށް ވާދޫ ސްކޫލުން ހާމަކޮށްފައި ވެއެވެ.
ދާދި ފަހުން ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޢާންމު ޙާލަތާއެކު ކުރިއަށް ދިޔުމުގައި ސަރުކާރުން މިހާރު ފަށާފައިވާ ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައި، ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޯވިޑް ވެކްސިން ޖެހޭނެ އެވެ.
މި ވެކްސިން އިއްޔެ އިން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ބުނެ އެވެ. ފައިޒާ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ ފަސް ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖަހަން ވަނީ ނިންމާފަ އެވެ.

ސްކޫލްތަކުގެ ވެކްސިން ޕްރޮގްރާމް އިއްޔެ ފެށި އިރު ވެކްސިން އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ދަރިވަރުންނަށެވެ. އެކުދިން ވެކްސިން ޖަހަމުން ދަނީ ރެހެންދީ ސްކޫލް ވެކްސިން ސެންޓަރުގަ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވި ފަހުން އިއްޔެ ވަނީ މި ޕްރޮގުރާމް ފަށާފައެވެ.