ރ. ވާދޫ ސްކޫލްގެ ވެކްސިން ޖެހޭ އުމުރުފުރައިގެ ހުރިހާ ކުދިން ފައިޒާ ފެކްސިން ޖަހައިފި އެވެ.

ރ. ވާދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު މިއަދު ރ. ވާދޫ ލައިވް އަށް ވިދާޅުވީ ރ. ވާދޫ ސްކޫލްގެ ވެކްސިން ޖެހޭ އުމުރުފުރައިގެ ހުރިހާ ކުދިންނަށް ފައިޒާ ފެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިވާ ކަމަށެވެ. ވެކްސިން ޖެހުން ކުރިއަށް ދިޔައީ އާދީއްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ވެކްސިން ޖެހި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. މީގެ ތެރޭގައި ސްކޫލް ނިންމި ދަރިވަރުން ވެސް ހިމެނެއެވެ.

އެ ގޮތުން ޖުމުލަ 40 ކުއްޖަކަށް އާދީއްތަ ދުވަހު ވާދޫ ސިއްޙީ މަރުކަޒުގައި ވެކްސިން ދީފައި ވެއެވެ.

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގެ ނިޔަލަށް 69 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

މިހާރު ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމެވެ.