ރ. އަލިފުށީގައި 451.6 މިލިއަން ރުފިޔާގެ އެއާޕޯޓެއް ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލްކުރުމުން މި އަތޮޅުގެ ދެކުނުގައި އޮންނަ ރަށްތަކަށް ނިސްބަތްވާ ގިނަ ބަޔަކު ޖަޒުބާތުގައި ޖެހި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ހިއްކާ 50.5 ހެކްޓަރުގެ ބިމުގެ ތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކާ ބިންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
ގާތްގަނޑަކަށް 40.5 ހެކްޓަރުގެ ބިމުގައި 1200 މީޓަރުގެ ރަންވޭ އަކާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތް ގާއިމު ކުރާނެ އެވެ. ރ. އަތޮޅުގެ މީހުން އުޅޭ ރަށްތަކާ ދުރުގައި އޮންނަ އަލިފުށިން ހިއްކާ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިންކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެ އެވެ.
އެމްޓީސީސީ އާއެކު ސަރުކާރުން ސޮއި ކުރި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ބިން ހިއްކައިގެން އެއާޕޯޓް ތަރައްގީ ކުރުމުގެ އިތުރުން ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމެންޓަކާއި 480 މީޓަރުގެ ގްރޮއިންނެއް ގާއިމު ކުރަން ޖެހެ އެވެ.
ރ. އަތޮޅުގައި ތަރައްގީ ކުރާ ދެ ވަނަ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމު އެވެ.
އަލިފުށީގައި ފަށާ 451.6 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުއަކީ އެމްޓީސީސީގެ ހަޔާތުގައި މި ފަހަކަށް އައިސް ހިންގާ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.
އަތޮޅުގެ ދެކުނުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ މީހުން ދިރިއުޅޭ 8 ރަށުގެ 10000 ވުރެ ގިނަ މީހުންނާއި 15 ރިސޯޓްގެ ހައްގު ނަގާލުން ކަމަށް ބުނެއެވެ. އެ ފަރާތްތަކުގެ ޝަކުވާއަކީ ދެކުނު ބިތުގައި އެއާޕޯޓެއް އަޅަން ވަޢުދުވެފައި އެ އެއާޕޯޓް ކުށްލި ގޮތަކަށް އުތުރުގައި އެޅުމަށް ނިންމުމެވެ.
އަލިފުށީގައި އަޅާ އެއާޕޯޓްގެ ސަބަބުން އަލިފުށި ދާއިރާގެ 3 ރަށުގެ ރައްޔިތުންނަށް ވަޒީފާތައް ހުޅުވިގެން ދިއުމުގެ އިތުރުން، ދަތުރުފަތުރު ކުރުމުގައި ލުއިކަން ލިބިގެން ދާނެއެވެ.
