ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ރ. ވާދުގައި އާ މިސްކިތެއް އިމާރާތްކޮށްދޭން ބުނެފައި ވާއިރު، އެ މިސްކިތް އަޅާފައި ވާތަން ނުފެންނާތީ ވާދޫގެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.
ސަރުކާރުން ވާދޫގައި މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ތަނުގެ މަސައްކަތް ފެށިގެންދާނެ ކަމަށް 2015 އަހަރުގެ އޮކްޓޫބަރ މަހު ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވަނީ ވިދާޅުވެފައެވެ. ހުސައިން އަލީ އެހެން ވިދާޅުވީ ”ދި ޓީވީ“ގެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ނަމަވެސް، 2018 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަން ނިމި، ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން އިރު ވެސް ވާދޫގައި މިސްކިތެއް އެޅުމަށް ބިންގަލެއް ވަރު ވެސް އެޅިފައި ނުވެއެވެ.
އެކަމަކު މި ސަރުކާރުން ވާދޫގައި ހިންގާ ގިނަ މަޝްރޫޢުތަކުގެ ތެރޭގައި މިސްކިތެއް އިމާރާތްކުރުން ހިމަނައި، މި މަސައްކަތް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ބާރު ދުވެލީގައި އެބަ ކުރިއަށް ގެންދެއެވެ.
4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަބީބެވެ.