އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، އެގްރޯނެޓުން، ރ. ވާދޫގެ ދަނޑުވެރިންނަށް ކޮންޓްރެކްޓް ފާމިންގ އާއި ގުޅޭ މައުލޫމާތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ހުރި ފަހި ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. އެގްރޯނެޓްގެ ޓީމެއް މިއަދު ވާދުއަށް ޒިޔާެރަތް ކުރެއްވި އިރު، އެ ކޯޕަރޭޝަންގެ އެމްޑީ ހާރޫން ރަޝީދު ވަނީ ރ. ވާދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާ ބައްދަލުލުރައްވާފައެވެ.

އެ ގޮތުން، މި ބައްދަލުކުރެއްވުމުގައި ވެސް ދަނޑުވެރިކަމުގެ ދާއިރާ އިން، ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައްކޮށް ޚިޔާލު ބަދަލުކުރެވިފައި ވެއެވެ. ކައުންސިލުން ދެއްވި މެހެމާންދާރީއާ އެއްބާރުލެއްވުމަށް އެމްޑީ ޝުކުރު އަދާކުރެއްވިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ”ކޮންޓްރެކްޓް ފާމިން“ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މި ދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތައް ދަނޑުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އެ ކޯޕަރޭޝަނުން ބުނެއެވެ.