ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ވީ ވަޢުދު އަދި ވެސް އެ ގޮތުގައި އެބަ އޮތްކަން ކަށަވަރުވެއްޖެއެވެ. މިކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވަރަށް އިތުބާރު ހުރި ގޮތަކަށް އަޅުގަނޑަށް ޔަގީންކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާ ހަވާލުވެ ވަޑައިގެން، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް 20 މިނެޓުން ދެވޭނެ އެއާޕޯޓެއް އޮންނަން ވާނެ ކަމަށް ސިޔާސަތެއް ކަނޑައަޅައި ނިންމާފައި ވެއެވެ.

ރ. އަތޮޅުގައި މި ވަގުތު އޮތީ އެންމެ އެއާޕޯޓެކެވެ. އެއީ ރ. އިފުރު ޑޮމެސްޓިކް އެއާޕޯޓެވެ. މި އެއާޕޯޓް އެކަނި އޮވެގެން ސަރުކާރުގެ މި ސިޔާސަތުގައި ބުނާ ލަނޑުދަނޑި ހާސިލެއް ނުވެއެވެ. އެހެންކަމުން ސަރުކާރުން ނިންމާފައި ވަނީ ރ. އަތޮޅުގެ އުތުރު އަދި ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށެވެ.
އެ ގޮތުން، އަތޮޅުގެ އެންމެ އުތުރުގައި އޮންނަ އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މިހާރު ވަނީ ހަވާލުކުރެވިފައެވެ.ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް އެރަށު ބިން ހިއްކުން ވެސް ހިމެނެ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތަށް 451،615،528.48 ރުފިޔާ ހަރަދުވާނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. އަދި އަވަސް ތަރައްގީއެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެކުންފުނީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އަލިފުށީގެ އިތުރުން މ. މުލި، ބ. ތުޅާދޫ އަދި ފ. ބިލެއްފަހީގައި އެއާޕޯޓެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރ. އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާއިރު، ރ. އަތޮޅުގެ ދެކުނު އެއާޕޯޓް އަޅާނީ ކޮން ރަށެއްގައި ކަމެއް އަދި ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ.