ރ. ވާދޫ ސްކޫލަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހަދިޔާ ކުރެއްވީ ދެ ވާހަކަ ފޮތް ކަމަށް ބައެއް މީޑިއާތަކުން ހަގީގަތް އޮޅުވާލައިފިއެވެ.
މި ދެ ފޮތަކީ އެ ކަމަނާ ވަޑައިގަންނަވާ ކޮންމެ ސްކޫލަކަށް ހަދިޔާ ކުރައްވާ އެއްޗެކެވެ.
ރ. ވާދޫ ލައިވް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަމަނާ ސްކޫލަށް ހަދިޔާ ކުރެއްވީ މަތީ ތައުލީމު އުނގަންނައިދެއްވުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ލީލާ އަހުމަދު، ތައުލީމީ ދާއިރާގައި އޭނާ ކުރެއްވި ގިނަ ތަޖުރިބާތަކުގެ އަލީގައި ލިޔުއްވި ”މަޑުކޮށްލާ! ވިސްނާލާ!“ އަދި ”ނޫން! ބޭނުމެއް ނޫން!“ ފޮތެވެ.
މިއީ ހަމައެކަނި ވާހަކަ ފޮތްތަކެއް ނޫނެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް، އެކުދިން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ދެ ފޮތެވެ. އެ ފޮތްތަކުގައި ވަނީ ގަނާ ކުރުމާއި ގުޅޭ ގޮތުން އެ ދަރިވަރުން ހޭލުންތެރި ކުރުވާނެ ވާހަކަތަކެކެވެ. ލީލާއަކީ ޗައިލްޑްހުޑް ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.
ފަސްޓް ލޭޑީ ފަޒްނާ ވާދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައި ވަނީ އިއްޔެ ހަވީރުއެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި އެކަމަނާ އެދިވަޑައިގެންނެވީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ތައުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވުމަށެވެ. މިގޮތުން އެކަމަނާ މަތީ ތައުލީމުގެ ފުރުސަތުތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއިރު، ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.
ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫއުތަކާގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި މެޑަމް ފަޒްނާ ވަނީ ރަށުގެ މިފަދަ ކާމިޔާބީތަކުގައި ތަޢުލީމު އުނގަންނައިދެއްވާ ފަރާތްތަކުގެ ދައުރު ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.