ރ. ވާދޫ އުތުރުކޮޅުގައި ތަރައްގީކުރަނީ ސިޓީ ހޮޓަލެއް ކަމަށާއި 90 ދުވަސް ތެރޭ އެ ތަނުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ރ. ވާދޫ ކައުންސިލުން ހާމަކުރިތާ މިއަދަށް 68 ދުވަސް ވީއެވެ.
އެހެންކަމުން މި މަސައްކަތް ފެށުމަށް ބާކީ އޮތީ ބަރާބަރު 22 ދުވަހެވެ. އެ ކައުންސިލުން މިކަން ހާމަކުރީ ރ. ވާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުގައި މި ދިޔަ އޯގަސްޓްމަހުގެ ފުރަތަމަ އަންގާރަ ދުވަހުގެ ރޭގައެވެ.
ޒުވާނުންގެ މަރުކަޒުގައި އޮތް އެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވީ ރ. ވާދޫ އުތުރުކޮޅުގައި ހިމެނޭ 3.5 ހެކްޓަރުގެ ސަރަހައްދެއްގަައި ފަތުރުވެރިކަން ތަރައްގީކުރުމަށް އީ.އައި.އޭ ހަދަައި ރިޕޯޓް ނިންމާފަައިވާ ކަމަށެވެ.
ޢަމަލީ މަސައްކަތް މަޑުޖެހިފައި އޮތީ އެ މަޝްރޫއާ ހަވާލުވި ފާލަން ހޯލްޑިންގ ޕވޓ. ލޓޑގެ އިންވެސްޓަރެއް އެ ކުންފުންޏަށް ގެއްލިފައި ވާތީ ކަމަށެވެ.
ނަމަވެސް މިހާރު އެހެން އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ކަންކަން ހަމަޖެހި ޢަމަލީ މަސަަައްކަތް ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހުސައިން ވިދާޅުވިއެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރި މި މަސަައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް ކަމަށެވެ. އަދި ޖުމްލަ އަށް މިލިއަން ޑޮލަރު އެތަނަށް އިންވެސްޓް ކުރާނެކަމަށާއި އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް 24 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގެސްޓްހައުސްތަކުން އާންމު ގެސްޓްހައުސްތަކަށްވުރެ ފުޅާކޮށް ޚިދުމަތްލިބޭނެކަމަށާއި އޭގެ ތެރޭގައި ޑައިވިން ސެންޓަރާއި ވޯޓާސްޕޯޓްސްއާއި ޖިމާއި އިންޑޯ ކުޅިވަރުތައް ގާއިމް ކުރާނެ ކަމަށް ވެސް އޭނާވިދާޅުވި އެވެ.
ހަމައެހެންމެ ރެސްޓޯރަންޓާއި ފުޑް އެންޑް ބެވެރެޖްގެ ޚިދުމަތްފަދަ ހިދުމަތްތައް އެތަނުން ލިބޭނެކަމުގައި ކަމަށް ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ވާދޫގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެފަދަ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ތެރެއިން ވަރަށް ގިނަ ވަޒީފާ އުފެދިގެންދާއިރު، ވާދޫގެ ރައްޔިތުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، ރ. އަލިފުށި، ރ. ރަސްގެތީމް އަދި ރ. އަނގޮޅެތީމްގެ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލް އަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.