ކޯވިޑް-129 ފެތުރޭތީ ރ. އަލިފުށި އަނެއްކާ ވެސް މޮނިޓަރިން އަށް ލައިފިއެވެ. މީގެ ކުރިން ވެސް ކޯވިޑް-129އާ ގުޅިގެން އެ ރަށް މޮނިތަރިން އަށް ލިއެވެ.
އަލިފުށި މޮނިޓަރިން އަށް ލާފައި ވާއިރު، މި މަހުގެ 9 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ވަނީ ރ. އިންނަމާދޫ، ރ. މީދޫ އަދި ރ. މަޑުއްވަރީ ވެސް މޮނިޓަރިން އަށް ލާފައެވެ.
މި ރަށްތަކުގެ އިތުރުން ރ. އުނގޫފާރު، ރ. ދުވާފަރު، ރ. ރަސްމާދޫން ވެސް ވަނީ ކޯވިޑް-19 އަަށް ބަޔަކު ފައްސިވެފައެވެ. އެހެން ނަމަވެސް އެރަށްތައް އަދި މޮނިޓަރިންއަށް ލާފައެއް ނުވެއެވެ.
ރ އަތޮޅުން އަރައިފޭބުން މަނާކުރި 3 ރަަށަށް ބަލާއިރު، މަޑުއްވަރިން ރޯގާގެ އަލާމާތް ފެނިގެން މިދިޔަ ހޮނިހިރު ދުވަހު ނެގި ސުންކެއް ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު މިހާރު އެރަށުގައި ބަލި ޖެހިފައި 7 މީހަކު އެބަ ތިއްބެވެ.
މީދޫ ހެލްތް ސެންޓަރުން އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އެރަށުން ޖުމްލަ ނެގި 74 ސުންކެއްގެ ތެރެއިން 15 ސުންކެއް ވަަނީ ކޮވިޑަށް ފައްސިވެފައެވެ. ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަލީގެ އަލާމާތްތައް ފެނިގެން ނެގި 4 ސުންކަކާއި، ވަކި ތަރުތީބެއް ނެތި ނެގި 5 ސުންކަކަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ މެދުގައި ނެގި ސުންކުތަކުގެ ތެެރެއިން ފައްސިވި 6 މީހެކެވެ.
ރ. އަލިފުށީގައި ކޯވިޑް-19 ޖެހިފައި ތިބީ 10 މީހުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
ކޯވިޑްގެ ސަބަބުން އަތޮޅުތަކުގެ ރަށްތައް މޮނީޓަރިންއަށްލުމުގެ ސަބަބުން ޢާއްމުނަށް އެތައް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ. އާބާދީގެ %90 ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެރަށަކަށް ދިޔުމަށް ޕީސީއާރް ހަދާކަށް ނުޖެހެއެވެ. މިއީ ޢާއްމުންގެ ކަންބޮޑުވުމެކެވެ. މިޙާލަތުގައި ޕޮޒިޓިވް ކޭސްތައް ފެނުމުން ރަށްރަށް މޮނީޓަރިންއަށް ލާ އުސޫލާ މެދު ގިނަބައެއްގެ ޝަކުވާއެބަހުއްޓެވެ. އެހެންނަމަވެސް ކޭސްތައް ގިނަވިޔަނުދީ ހިފެހެއްޓުމަކީ ރަށްރަށުގައިވެސް ބަލީގައި ބޮޑުވަރުވާ އިންސައްތަ މަދުކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަން އެޗްޕީއޭއިން ވިދާޅުވެއެވެ.
މާލެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ހިފެހެއްޓިފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުން އެޗްޕީއޭއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބަށްބަލާއިރު މާލެއިން 11 މިހަކު ޕޮޒިޓިވްވެފައިވެއެވެ. އަތޮޅުތަކުގެ ރަށްތަކުންވަނީ 141 މީހަކު ޕޮޒިޓިވްވެފައެވެ. އެހެންކަމުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުންވެސް ކޯވިޑްއިން ދިފާޢުވުމަށް ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.
