ރ. ވާދޫ އިން މީދާ މަދުކުރުމަށްޓަކައި ފެށި މީދާ ހިފުމުގެ މުބާރާތުގެ ދެވަނަ ދުވަހު މުބާރާތުގެ ބައިވެރިން ޖުމުލަ 50 މީދާ ހިފައިފިއެވެ.

މި މުބާރާތުގައި ޓީމު ހަދައިގެން 5 ފަރާތަކުން ބައިވެރިވެފައި ވާއިރު، 2 މީހަކު ވަނީ އަމިއްލަ ގޮތުން ބައިވެރިވި ވެފައެވެ.

ދެ ވަނަ ދުވަހު ވެސް އެންމެ ގިނަ މީދާ ހިފާފައި ވަނީ ފުރަތަމަ ދުވަހު 24 މިދާ ހިފި އިބްރާހިމް ނައީމްގެ ”ދެ ނައީމް އެންޑް ކޯ“ ޓީމުންނެވެ.

އެ ޓީމުން ދެވަނަ ދުވަހު 41 މީދާ ހިފާފައި ވާއިރު، 8 މީދާ ހިފައިގެން ގިނިކަންޏާ ވާދަކުރި ހަސަން މުސްލިމް ވަނީ ދެ ވަނަ ހޯދާފައެވެ.

ދެ ދުވަހު 3 ވަނަ ލިބުނީ އަނީސާާ ޒަކަރިއްޔާގެ ”އަވަށު“ ޓީމަށެވެ.

މި މުބާރާތުގައި ހިފާ މީދާ ނައްތާލާނީ ރަށުގެ ވަކި ސަރަހައްދެއްގައި ވަޅުލައިގެން ރައްކާތެރިކަމާއެކު ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި އެންމެ ގިނަ މީދާ ހިފޭ މީހަކަށް ނުވަތަ ޓީމަކަށް 3000 ރުފިޔާ، 2 ވަނައަށް 2000 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މިއި ރާއްޖޭގައި މި ފަދަ ގޮތަަކަށް ކުރިއަށް ގެންދެވޭ ފުރަތަަމަ މުބާރާތެވެ.