ރ. ވާދޫ އިން މީދާ މަދުކުރުމަށްޓަކައި ފެށި މީދާ ހިފުމުގެ މުބާރާތުގެ ފުރަތަމަ 8 ދުވަހު މުބާރާތުގެ ބައިވެރިން ޖުމުލަ 314 މީދާ ހިފައިފިއެވެ.

މި މުބާރާތުގައި ޓީމު ހަދައިގެން 5 ފަރާތަކުން ބައިވެރިވެފައި ވާއިރު، 2 މީހަކު ވަނީ އަމިއްލަ ގޮތުން ބައިވެރިވި ވެފައެވެ.

ފުރަތަމަ 8 ދުވަހު ވެސް އެންމެ ގިނަ މީދާ ހިފާފައި ވަނީ ފުރަތަމަ ދުވަހު 24 މިދާ ހިފި އިބްރާހިމް ނައީމްގެ ”ދެ ނައީމް އެންޑް ކޯ“ ޓީމުންނެވެ.

އެ ޓީމުން މުބާރާތުގެ މިހާތަނަށް 210 މީދާ ހިފާފައި ވެއެވެ. މި މުބާރާތުގައި ދެން އެންމެ ކުރީގައި އުޅެނީ އަނީސާާ ޒަކަރިއްޔާގެ ”އަވަށު“ ޓީމެވެ. އެއީ 75 މީދާ ހިފައިގެންނެވެ. 3 ވަނައިގައި އުޅެނީ 28 މީދާ ހިފި ހަސަން މުސްލިމް އެވެ.

މި މުބާރާތުގައި ހިފާ މީދާ ނައްތާލާނީ ރަށުގެ ވަކި ސަރަހައްދެއްގައި ވަޅުލައިގެން ރައްކާތެރިކަމާއެކު ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި އެންމެ ގިނަ މީދާ ހިފޭ މީހަކަށް ނުވަތަ ޓީމަކަށް 3000 ރުފިޔާ، 2 ވަނައަށް 2000 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މިއި ރާއްޖޭގައި މި ފަދަ ގޮތަަކަށް ކުރިއަށް ގެންދެވޭ ފުރަތަަމަ މުބާރާތެވެ.