ރ. ވާދޫގައި ދެ ވަނަ ހިނަވާގެއެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.

މި ހިނަވާގެއަކީ ސަރުކާރުން ވާދޫގައި އިމާރާތްކުރާ ހުކުރު މިސްކިތުގެ މަޝްރޫއާ ހަވާާލުވި ކުންފުނި ހައިމަން ކޮންސްޓްރަކްޝަނުން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވާދޫ ރައްޔިތުންނަށް އަޅައިދޭ ތަނެކެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ވާދޫ ސަހަރާގެ ހުޅަނގުއުތުރު ކަނުގައި، ޣާޒީ މަގަށް ވާ ގޮތަށް، އަލަށް އިމާރާތްކުރެވޭ މި ހިނަވާގޭގައި، ހިނަވައިކަފުންކުރާނެ ކޮޓާރިއެއްގެ އިތުރުން، ފާހާނާ އާއި އިންޑޯ އަދި އައުޓްޑޯ ވެއިޓިން އޭރިއާއެއް ހުންނާނެއެވެ. މީގެ އިތުރުން، އެ ތަނުގައި ގުދަނެއް ވެސް ހުންނާނެއެވެ.

ވާދޫގައިި މިހާރު ވެސް ޒަމާނީ ހިނަވާގެއެއް ހުރެއެވެ.

އެތަން ހުންނަނީ ވާދޫ ހުކުރު މިސްކިތް މަސްޖިދުލް ސަމާހާގެ ގޯތިތެރޭގައި އިރުއުތުރު ކަނުގައެވެ.

ވާދޫގެ ދެކުނު އަވަށުގައި އަަލަށް އިމާރާތްކުރާ ވާދޫގެ ދެ ވަނަ ހުކުރު މިސްކިތުގެ މަސައްކަތް ވެސް މިހާރު އަންނަނީ ނިމެމުންނެވެ.

ރ. ވާދޫ ހުކުރު މިސްކިތުގައި ހުރި ހިނަވާގެ — ފޮޓޯ: ރ. ވާދޫ ލައިވް

ބެލެވޭ ގޮތުގައި އަންނަ ރޯދައަށް އެ މިސްކިތް ރަސްމީކޮށް ހުޅުވޭނެއެވެ.

ވާދޫގައި މިސްކިތެއް އެޅުމަށް އެންމެ ފުރަތަމަ ވަޢުދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

ނަމަވެސް، އެ މަޝްރޫޢު ޔާމިންގެ ސަރުކާރުން ފަށާފައެއް ނުވެއެވެ.