ރ. ވާދޫގައި އަޅާ ޒަމާނީ ފުޓުބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް އޭޕްރީލް މަހުގެ ކުރީކޮޅު ފަށާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ވާދޫ ލައިވް އަށް މަޢުލޫމާތު ލިބޭ ގޮތުގައި، ވާދޫ ފުޓުބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އަންނަ މަހުގެ 16ވަނަ ދުވަހުގެ ކުރިން ފަށާނެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި 22 މާރިޗް 2022 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަނީ އާރު.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ.
މި މަޝްރޫޢަށް ޑޮމެސްޓިކް ބަޖެޓުން، 2022 ގައި 525،000.00 ރުފިޔާ އަދި 2023ގެ ބަޖެޓުން 812،736.00 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މިއީ ސަރުކާރަކުން ޚަރަދުކޮށްގެން ވާދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރާ ފުރަތަމަ ފަހަރެވެ.
މި ދަނޑު ތަރައްގީކުރަނީ ވާދޫ ސްޕޯޓްސް އެރީނާގެ ހުޅަނގުދެކުނުގައެވެ.
ވާދޫ ސްޕޯޓްސް އެރީނާގެ ހުޅަނގުއުތުރުގައި ޒަމާނީ ފުޓްސަލް ދަނޑެއް 2016 ވަނަ އަހަރު އަޅާފައި ވެއެވެ.