ރ. ވާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން މަސަައްކަތް ނިންމާލައި ކައުންސިލާ ހަވާލުކޮށްފިއެވެ.
މި އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ވާދުއަށް ގެނެސް، ބިން ސާފުކޮށް އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
3175241.09 ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ރ. ވާދޫ ސިއްހީ މަރުކަޒަށް އޮފީސް، މަލްޓި ޕާޕޯސް ހޯލް، ޖެނަރަލް ސްޓޯރ، މެޑިކަލް ސްޓޯރ، ގަރާޖް އަދި ލޯންޑްރީ، ކައުންސެލިން ރޫމް، ޕެއިންޓްރީ، ޕީއެޗްޔޫގެ އިތުރުން އިތުރު ބައިތަކެއް ވެސް ވަނީ އިތުރުކޮށްފައެވެ.
މީގެ ކުރީގެ ސަރުކާރުތަކުން މާ ބޮޑު އަޅާލުމެއް ދީފައި ނުވާ ވާދޫ ހެލްތު ސެންޓަރަށް މި ސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ.
އެ ގޮތުން އެ ސެންޓަރުގައި ބަލި މީހުން އެޑްމިޓްކުރަން ބޭނުންކުރާ އެނދުތައް މި ސަރުކާރުން ވަނީ އިލެކްޓްރިކް އެނދަށް ބަދަލުކޮށްފައެވެ. އެކްޓެންޝަން އިމާރާތުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ ހެލްތު ސެންޓަރުގެ މައި ދޮރާއި ދޮރުފަތް ލަކުޑިން އެލްމެނިއަމް ދޮރަށް ވަނީ ބަދަލުކުރެވިފައެވެ. ވެއިޓިންގް އޭރިޔާ ވަނީ އެއަރ ކޯން ކުރެވިފައެވެ. އެހެންކަމުން މިހާރު ރ. ވާދޫ ހެލްތު ސެންޓަރު އެއްކޮށް އެއަރ ކޯން ކޮން ނިމުނީއެވެ. އަދި ވާރޑް އެނދުގައި ބެޑް ސްކްރީން ވަނީ ހަރުކުރެވިފައެވެ.
އަދި މި ނޫނަސް މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.
ވާދޫ ހެލްތު ސެންޓަރަކީ ވަށާފާރު ނެތް ހަމައެކަނި ދައުލަތުގެ އިމާރާތެވެ. މި ކަން އެ ސެންޓަރުގެ ފަރާތުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަށް މި މަޢުލޫމާތު ވަނީ އަރުވާފައެވެ.
ސަރުކާރުން ވާދޫގައި ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވާ އިތުރު މަޝްރޫޢުތައް:
- 6،856،470 – ރ. ވާދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން. (ކުރިއަށް ދަނީ)
- 2،009،893 – ރ. ވާދޫގައި މިސްކިތް އިމާރާތްކުރުން. (ނިމިފައި)
- 1،600،000 – ރ. ވާދޫ ސްކޫލް 2 ބުރި އިމާރާތް. (އަމަލީ މަސައްކަތް ފެށިފައި)
- 3،500،000 – ރ. ވާދޫގައި ފުޓްބޯޅަ ދަނޑު އެޅުން. (ޓެންޑަރިން މަރުހަލާގައީ)
- 1،000،000 – ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުން. (ބިޑްކުރުމަށް ތައްޔާރުވަނި)