މި އަހަރުގެ އަލްހާ ޢީދު ފާހަގަކުރުމަށް ރ. ވާދޫގައި ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނެކަން ކަށަވަރުވެއްޖެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އަލްހާ ޢީދާ ގުޅިގެން ކުރިއަށްގެންދާނެ ހަރަކާތްތައް ނުވަތަ ޢީދު ތާވަލު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އާންމުކޮށް އިޢުލާންކޮށްފައި ނުވި ނަމަވެސް ޢީދު ފާަހަގަކުރާނެކަން އިތުބާރުހުރި މަސްދަރަކުން ވަނީ ރ. ވާދޫ ލައިވް އަށް ކަށަވަރުކޮށްދީފައެވެ.

މި ގޮތުން، މައިގަނޑު ކުޅިވަރެއްގެ ގޮތުގައި ކޯޑިކުޅުމާއި ތަކުރުހިންގުމުގެ އިތުރުން ޖަންގަލީ ޕެރޭޑް، ފެންކުޅި އަދި ޢީދު ޝޯވް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި އަަހަރުގެ ޢީދު ބަންދުގައި ވާދޫގެ ބައެއް ގޭގައި ހިތާނުކުރުން ވެސް އޮންނާނެތީ އިތުރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. އަދި ރަަށަށް އަރާ މީހުންގެ އަދަދު ވެސް ގިނަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ޢީދު ފާހަގަކުރުމާއި ގުޅޭ ގޮތުން ވާދޫ ކައުންސިލުން ރަސްމީ ބަހެއް ހޯދުމަށް ރ. ވާދޫ ލައިވް އިން ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ނަމަވެސް ވާދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަކީ މީގެ ކުރިން ވާދޫ ލައިވްގައި ގެނެސްފައިވާ ބައެއް ޚަަބަރުތަކުގައި ކައުންސިލްގެ ބަހެއް ހިމަނާފައި ނުވާތީ ސޯޝަލްމީޑިއާގައި މި ނޫހަށް ފާޑުކިޔުން އަމާޒުކޮށްފައިވާ ބައެއްކަން ފާހަގަކޮށްލާނަމެވެ.