2020،2021ވަނަ ދިރާސީ އަހަރު، މަތީ ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން، ރަނގަޅު ނަތީޖާ ހޯދައި ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ތެރޭގައި، އައިޝަތު ޝުއާއު ސައީދު، މާރސް/ ރ. ވާދޫ ހިމެނިއްޖެއެވެ.
ޝުއާއުއަކީ މީގެ ކުރިން ރ. ވާދޫ ސްކޫލުން ޘާނަވީ ތަޢުލީމު ހާސިލުކޮށް، ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ދަރިވަރެއްކަން ފާހަގަކޮށްލަމެވެ. އޭނާ މަތީ ޘާނަވީ ފުރިހަމަކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.
ޝުއާއު ގައުމީ ގަދަ ދިހައެއްގައި ހިމެނުނީ ހަތް ވަނައިގައެވެ. އަދި އޭނާގެ އިތުރުން، ހަވާނާ/ ރ. ވާދޫ އަށް ބައްޕަ ނިސްބަތްވާ ފާތިމަތު ޝަޖަން ވެސް ވަނީ ޤައުމީ ގަދަ ދިހައަކުން ޖާގަ ހޯދާފައެވެ. ޣާޒީ ސްކޫލުން ޘާނަވީ ނިންމާ ގަދަ ދިހައަކުން ޖާގަ ހޯދި، ޝަޖަންއަކީ ވެސް މީގެ ކުރިން ރ. ވާދޫ ސްކޫލްގައި ތަޢުލީމް ހާސިލުކުރި ދަރިވަރެކެވެ.
2020،2021 ވަނަ ދިރާސީ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނު އަހަރެވެ.
ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. މީގެ ތެރެއިން 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާއިރު 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.
މަތީ ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. މީގެތެރެއިން 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.
ދަރުބާރުގޭގައި ކުލަގަދަކޮށް ދެ ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.
މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައިގެން، ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލުތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތް ކަމަށެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އިޙްސާސް ކުރެއްވޭ ކަމަށާއި، އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ޙާޞިލްކުރީ، ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ، ގޮތުގައި އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެވި ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ޞާލިޙް އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމީ ޒުވާން ޖީލެއް ފައްކާވެ، ޤައުމީ ޚިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ، ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ތަރައްޤީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޟަރޫރީ ޚިދުމަތްތައް ހޯދުމަށްޓަކައި، ހިޖުރަކުރަންޖެހޭ މިންވަރު ދަނީ ދަށްވަމުންކަމަށާއި، މިއަދު ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި ޢާއިލާއާ އެކުގައި ތިބެގެން، ޤައުމަށް ޚިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތައުލީމީ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިއީ މުޅި ޤައުމު ފަޚުރުވެރިވާ ދުވަހެއް ކަމަށެވެ. އަދި މިއީ ދަރިވަރުންނާ ޓީޗަރުންނާ ބެލެނިވެރިންގެ ނުގުޑާ އަޒުމުކަމަށެވެ.
”މި ނިމުނީ އަދި ހަރުފަތެއް. މުޅި ހަޔާތް އަދި އޮތީ ކުރިއަށް. މަތީ ތަޢުލީމުގެ ފުރުޞަތު ސަރުކާރުން މިވަނީ ވަރަށް ބޮޑަށް ހުޅުވާލާފަ. އުއްމީދަކީ މި ފުރުޞަތުގެ ބޭނުން ހިފާ، މަތީ މަޢުލީމުގެ ހަރުފަތްތައް ތިޔަ ދަރިވަރުން ގިރާކުރުން.“ ވަޒީރު ވިދާޅުވިއެވެ.
ޘާނަވީ އަދި މަތީ ޘާނަވީ ހިމެނޭހެން ޖުމްލަ 1105 ދަރިވަރުން އިނާމު ޙާސިލްކުރިއެވެ.