މިއަދު ހަވީރު ރ. އުނގުފާރުގައި ފެށުމަށް ހަމަޖެހިފައިވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގެ ފުރަތަމަ މެޗްގައި ކުޅުމަށް ރ. ވާދޫ އެފް.ސީ ތައްޔާރުވެއްޖެއެވެ.
މި މެޗްގައި ކުޅޭނީ ރ. ވާދޫ އެފްސީ އާއި ރ. ރަސްމާދޫ ފުޓްސަލް ޓީމެވެ. ރ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ރ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، މިއަހަރު 10 ރަށަކުން ވާދަ ކުރާއިރު، މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކޮންމެ ދުވަހަކު ތިން މެޗް ކުޅޭނެއެވެ.
މި މުބާރާތުގެ ވާދަކުރާ 10 ރަށުގެ ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ”ގުރޫޕު އޭ“ގައި ހިމެނެނީ ރަސްމާދޫ އެފް.ޓީ، އިންނަމާދޫ އެސް.ސީ، މަޑުއްވަރީ އެފް.ޓީ، ރ. ވާދޫ އެފް.ސީ އަދި އިނގުރައިދޫ އެފް.ޓީއެވެ. ”ގުރޫޕު ބީ“ގައި ހިމެނެނީ، ރ. އަލިފުށި، ރ. މާކުރަތު، ރ. ހުޅުދުއްފާރު، ރ. ދުވާފަރު އަދި ރ. މީދޫއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ރަސްމާދޫ އަދި ވާދޫއެވެ. މި މެޗް ފަށާނީ ރާއްޖެ ގަޑިން 04:00ގައެވެ. އަދި މުބާރާތުގެ ދެވަނަ މެޗްގައި ހަވީރު 05:00ގައި ކުޅެން ހަމަޖެހިފައިވާއިރު، މެޗްގައި ބައްދަލުކުރާނީ އަލިފުށި އަދި ދުވާފަރެވެ. ބުރާސްފަތި ދުވަހުގެ ފަހު މެޗް، މިރޭ 08:15 ގައި ކުޅެން ތާވަލުކޮށްވާއިރު، ބައްދަލުކުރާނީ އިންނަމާދޫ އަދި މަޑުއްވަރީއެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި ރ. ވާދޫ އެފް.ސީ ކުޅޭ މެޗްތައް ތާވަލުކޮށްފައިވާ ގޮތަށް ބަލާއިރު، މާދަމާ ހަވީރު 05:00ގައި އިނގުރައިދޫ އެފް.ޓީ އާއެކު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 04:00ގައި މަޑުއްވަރީގެ ޓީމާ ވާދަކުރާ މެޗެއް އޮންނާނެއެވެ. ގްރޫޕް ސްޓޭޖްގައި ރ. ވާދޫ އެފް.ސީ ކުޅޭ ފަހު މެޗް އޮންނާނީ 8 ވަނަ ދުވަހުގެ ހަވީރު 05:00ގައެވެ. މެޗްގައި ވާދަކުރާނީ އިންނަމާދޫ އެސް.ސީ އާއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަތޮޅު ވެރިކަންކުރާ ރަށް ކަމަށްވާ އުނގޫފާރުގައެވެ. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުގައި ވާދޫ ތަމްސީލް ކުރާ، ރ. ވާދޫ އެފްސީގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ. އެހެންކަމުން މުބާރާތް ކުރިއަށްދާއިރު މި ނޫހުން ރ. ވާދޫ އެފްސީ ކުޅޭ މެޗްތަކަށް އިސްކަންދޭނެއެވެ.
މި މުބާރާތުގައި ވާދަކުރުމަށް ރ. ވާދޫ އެފްސީން ނުކުންނައިރު، މި ޓީމުގައި ހިމެނެނީ ރ، ވާދޫގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެެކެވެ.
އެ ގޮތުން މި ޓީމްގައި ހިމެނެނީ، ސިދާދު ޔޫސުފް (އެއްލު)، އަޙުމަދު މާއިސް (މާއިއްކޮ)، އަބްދުﷲ އާރިފް، ސާއިން ޔޫސުފް (ބޭބެ)، ތާސީން ސައީދު (ތޯބެ)، އަލީ ޝަހީމް، މުޙައްމަދު އަދުހަމް (އަދޭ)، އަދީލް ރަޝީދު، މުޙައްމަދު މަންސޫރު (މަންޓެ)، މުޙައްމަދު ސައުސަން (ސާއްޓެ)، ޔާސީން ސައީދު (ޔާބެ)، އަދި އިބްރާހިމް އަޔާޒްގެ އިތުރުން އަބްދުﷲ ހަފީޒްއެވެ. މީގެ އިތުރުން ގޯލް ކީޕަރުންގެ ގޮތުގައި މުޙައްމަދު މާހިދު، ތަސްނީމް ސައީދު އަދި އަޙުމަދު އަރީފްގެ ނަން ޓީމް ލިސްޓްގައި ހިމަނާފައިވެއެވެ.
ޢަލީ ނާޒިމް މެނޭޖްކުރާ ރ. ވާދޫ އެފްސީގެ ކުޅުންތެރިން ކުޅޭނީ އެ ޓީމްގެ ކޯޗް ހަސަން ނަސީމްގެ އިރުޝާދުގެ ދަށުންނެވެ. ޓިމްގެ އޮފިޝަލުންގެ ގޮތުގައި އިބްރާހިމް ޝަހީމް އަދި މިފްތާހް މުޙައްމަދު ހަަރަކާތްތެރިވާނެއެވެ. އަދި މެޑިކަލް އޮފިޝަލެއްގެ ގޮތުން އަބްދުލް މަޖީދާއި ޓްރެއިނަރެއްގެ ގޮތުން މުޙައްމަދު އާސިފް ވެސް ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ރ. ވާދޫ އެފްސީ އިން ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ. މި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.
|| ރ. ވާދޫ އެފްސީގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވް
