ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ދީފިއެވެ.

ރ. ވާދޫ ލައިވް އަށް މަޢުލޫމާތު ދިން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފެށޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަސް ކަމަށެވެ.

ގްރީން ކްލައިމެޓް ފަންޑް  އަދި މޯލްޑިވްސް ގްރީން ފަންޑް އިން ޚަރަދަކުރުމަށް ނިންމާފައިވާ މި މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައެވެ. މި މަރުހަލާގައި މަޝްރޫޢު އޮންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.

ބެެލެވޭ ގޮތުގައި، ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުުގެ މަޝްރޫޢުގެ ދަށުން ގިރާ ސަރަހައްދުގައިި ހިލައިގެ ތޮށިލާނެއެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދާނީ މިހާރު ގިނަ ރަށްރަށުގައި ވެސް މި ފަދަ މަޝްރޫޢުތަސް ކުރިއަށް ގެންދާ ގޮތަށެވެ. މި ގޮތުން ހިމާޔަތްކުރުމަށް ހިލަ ޖައްސާނީ ކަނޑު ތޮށި ޖަހާ އުސޫލުން ބައިބައި ވަކިން މޫދުގައެވެ. އަދި މިއިން ކޮންމެ ދެތޮށްޓެގެ މެދުގައި ރާޅު ވެއްދުމަށާ އޮއެވަރު ދެމުމަށް ޖާގައެއް ބާއްވާނެއެވެ.

ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް މި އަހަރުގެ ބަޖެޓްގައި 200,000.00 ރުފިޔާ އަދި އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓްގައި 1,024,134.00 ރުފިޔާ ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ގިނަ ރަށްރަށެކޭ ވެސް އެއް ފަދައިން ރ. ވާދޫއަކީ ވެސް ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައިވާ ރަށެކެވެ. ރަށްގިރުމުގެ ޒަމާނީ މައްސަލަައަށް ހައްލު ގެނެއުމަށް ކުރީގެ ސަރުކާރުތަކުން އަހައްމިއްޔަތު ކަމެއް ދީފައެއް ނުވެއެވެ.

މިއީ ވާދޫގައި ހިންގުމަށް ނިންމާފައިވާ މި ފަދަ ފުރަތަމަ މަޝްރޫޢުއެވެ.