ފަހަތުން އަރައި ރ. އަތޮޅުގެ ފުޓްސަލް ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.

ރ. ދުވާފަރު ސްޕޯސް ކުލަބް މިމުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކުރީ ރ. އިނގުރައިދޫ އެފްޓީ އިން 3 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 4 ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ލީޑުގައި އޮތީ އިނގުރައިދޫގެ ފުޓަސަލް ޓީމެވެ. މެޗުގެ ފަހު ހާފުގައި ރަނގަޅު ކުޅުމެއް ދައްކާ ދުވާފަރުން ވަނީ މެޗުން ކުރި ހޯދާފައެވެ.

ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

މިއަދު ކުރިއަށް ދިޔަ ފައިނަލް މެޗުގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި މެޗު ނިމުނު އިރު މަޝްރަހު ވަނީ ވަރަށް ހޫނުވެފައެވެ.

މި ހަމަނުޖެހުން ފުރަތަމަ ފަށާފައި ވަނީ ދުވާފަރު މީހުން ކަމަށް ވެއެވެ. ފުރަތަމަ ހަމަލާދީފައި ވަނީ ގަނޑު ފެންފުޅިން ކަމަށާއި، އޭގެ ފަހުން ގަލުންވެސް މީހުންނަށް ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ހަމަނުޖެހުމުގައި 14 އަހަރުގެ ކުޑަކުއްޖަކަށް އަދި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިމަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.