ރ. ވާދޫ ކައުންސިލުން ޤާނޫނާ އެއް ގޮތަށް އަހަރީ ބަޖެޓު ފާސްކޮށް އެމައުލޫމާތު އަތޮޅު ކައުންސިލާ ހިއްސާކޮށްފިއެވެ.
ރ. އަތޮޅު ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2023ވަނަ އަހަރުގެ ބަޖެޓް ޖަނަވަރީ 15ގެ ކުރިން ފާސްކޮށް، އެކައުންސިލަށް މައުލޫމާތު ހިއްސާކޮށްފައިވަނީ އިދާރީ ދާއިރާގެ (ރ. އަތޮޅުގެ) 14 ރަށު ކައުންސިލަކުން ކަމަށެވެ. އޭގެ ތެރޭގައި ވާދޫ ކައުންސިލް ހިމެނެއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 93ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓު އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންޖެހެއެވެ.