ލޭ ހަދިޔާކުރުމާއި ލޭ ހޯދުން ފަަސޭހަކޮށްދިނުމަށް ރ. ވާދޫ ބްލަޑް ޑޯނަރުންގެ ވައިބާ އޮޅިއެއް (ކޮމިއުނިޓީ ގުރޫޕެއް) ތަޢާރަފުކޮށްފިއެވެ.
މިއީ ލޭ ހަދިޔާކުރުމާއި ލޭ ހޯދުން ފަަސޭހަކޮށްދިނުމަށް ވާދުއަށް ނިސްބަތްވާ ބަޔަކު އިސްނަގައިގެން ތައާރަފުކުރި އޮޅިއެކެވެ.
މިއޮޅި މެދުވެރިކޮށް ޑޯނަރުންނާއި ލޭ ހޯދާ މީހުންގެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޮޅިއަށް ވަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކޮންމެވެސް މީހަކަށް ވަރަށް އަވަހަށް ލޭ ބޭނުންވެގެން، ކަންބޮޑުވެ ހާސްވެގެން ގުޅަނީ ނުވަތަ މެސެޖުކުރަނީ ލޭ ނުލިބިގެން ލިބިދާނެ ގެއްލުމަކަށް ކަންބޮޑުވާ ހާލުގައެވެ.
ނަމަވެސް މިހާރު މި މުޖުތަމައުގައި ލޭ ހޯދުމަކީ މާ ބުރަ ކަމެއް ނޫނެވެ. ލޭ ހޯދަން މަސައްކަތްކުރެވޭނެ ތަފާތު ވަސީލަތްތަކެއް މިވަނީ ގާއިމުކޮށްފައެވެ.
އެހެންކަމުން ލޭ ހޯދަން ހާސްވެގެން ތެޅި ފޮޅުމަށްވުރެ އެވަސީލަތްތަކުގެ ބޭނުންކުރުން ބުއްދިވެރިއެވެ.
މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ޕީޑިއަޓްރިކްސް ޑރ. އަހްމަދު އުމަރު ވިދާޅުވަނީ، ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދާކަމަށެއެވެ. އެހެން ނަމަވެސް ލޭ ހޯދުމަށް މީހަކު އައިސް އެދުމުގެ ކުރިން އަމިއްލަ މީހާ އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އާލާ ކުރަން ޖެހޭކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ފުރިހަމަ ޞިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ކޮންމެ ތިން މަހަކުން ތިން މަހަކުން ލޭ ދެވޭނެ މީހެއްކަމަށެވެ. އެހެންކަމުން ލެޔައް އެދި މީހުން ސަލާން ޖެހުމުގެ ކުރިން، ލޭ ދެވޭނެތާކަށް ގޮސް ލޭ ދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ލޭ ހަދިޔާ ކުރާ ފަރާތުން ޞިއްޙަތައް ބަލައިގެން އުޅުމުގެ މުހިންމުކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ލޭ ހަދިޔާ ކުރާ ފަރާތްތަކުން ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ތަކެތި ގަވާއިދުން ބޭނުން ކުރުން ވަރަށް މުހިންމު ކަމަށެއެވެ.
ތިމާގެ އަތުން ހަދިޔާ ކޮށްލެވޭ ކޮންމެ ލޭ ތިއްކަކީ ދެވިގެން ދާ މަތިވެރި ޞަދަގާތެއްގެ އިތުރުން އަނެކާގެ ދިރިހުރުމަށް ދެވޭ އުންމީދެކެއެވެ.
