22 އޮގަސްޓު 2023: 20 އަހަރު ވަންދެން ބޭނުންކުރި އިންޖީނުގެ ނިއްވާލައި، އަވަށާ ދުރުގައި އެޅުނު އިންޖީނުގޭން ކަރަންޓު ދޭންފެށި ދުވަސް.

ރ. ވާދޫގައި ކަރަންޓުގެ ޚިދުމަތްދެމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބިނާކުރި އައު އިންޖީނުގޭން ކަރަންޓުދޭން ފަށައިފިއެވެ.

ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ވާދޫއަކީ 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ލިބެމުން އަންނަ ރަށެކެވެ.

ފެނަކަ ކޯޕަރޭޝަނުން ވާދޫގެ ދެކުނުކޮޅުގައި އިމާރާތްކޮށްފައިވާ އައު އިންޖީނުގޭން ފާއިތުވި ހަފުތާގައި ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިވާއިރު، ވާދޫ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމަށް، ކޭބަލް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އިތުރުން، ރަށުގެ ތިން ސަރަހައްދެއްގައި ޓްރާންސްފޯމަރުވަނީ ބަހައްޓާފައެވެ.

އައު އިންޖީނުގޭން ކަރަންޓުދޭން ފެށިއިރު، ކަރަންޓުގެ ކެޕޭސީޓީވެސްވަނީ އިތުރުކޮށްފައެވެ.

ވާދޫ އައު އިންޖީނުގޭން ކަރަންޓުދިނުމުގެ ކުރިން ރަށަށް ކަރަންޓުގެ ޚިދުމަތްދީފައިވަނީ އަވަށު ތެރޭގައި ހުރި ބާއިންޖީނުގޭންނެވެ.
އެއިމާރާތުގެ ބިންގާ އެޅީ، ރާނާ ހިޔާކުރެވުނީ 43 އަހަރު މިރަށުގެ ކަތީބުކަން ކުރެއްވި މުހައްމަދު އިބްރާހީމްގެ ކަތީބުކަމުގައެވެ. އަދި މުޅި ޕްރޮޖެކްޓް ނިންމާ ކަރަންޓް ދެވުނީ ނަސާ އިބްރާހީމް ނަސީމްގެ ކަތީބުކަމުގައެވެ.
ސަރުކާރުން ނެގި ލޯން އަދާކޮށް ނިންމެވީ އަންބަރީގެ އަލްމަރުހޫމް އަބުދުލްހަމީދު މުހައްމަދުގެ ކަތީބުކަމުގައެވެ. އަދި 1 އެޕްރީލް 2005 ގައި ވާދޫގެ ކަރަންޓު 24 ގަޑިއިރަށް ބަދަލުކުރެވުނެވެ. މި ތާރީހީ ދުވަހުގައި ވާދޫގެ ކަތީބުކަމުގައި ހުންނެވީ މަރުހޫމް އަބުދުލްހަމީދު މުހައްމަދެވެ.