ރ. ވާދޫ ޕްރޮމޯޓްކޮށް ރަށް އިޝްތިހާރުކުރުމަށް އުފައްދާފައިވާ ހިތްގައިމު ޕްރޮމޯ ލަވަ ”މަގޭ ވާދޫ“ ލަވައިގެ ވީޑިއޯ ރިލީޒްކޮށްފިއެވެ.

މިލަވައިގެ ވީޑިއޯ ރިލީޒްކޮށްފައިވަނީ އެއްވަގުތެއްގައި ރ. ވާދޫ ލައިވް އަދި ރ. ވާދޫ ޓުއަރސްގެ ފޭސްބުކް ޕޭޖަށެވެ. މީގެ އިތުރުން ލަވައިގެ އޯޑިއޯ ސައުންޑްކްލައުޑުން އަޑުއެހޭނެ ގޮތް ހަދާފައިވާއިރު ހައި ޑެފިނިޝަން (އެޗްޑީ) ކުއަލިޓީގައި ޔޫޓިއުބުންވެސް ބަލާލެވޭނެއެވެ.

މިލަވައިގެ މަސައްކަތަކީ ކުޅަދާނަ މިއުޒީޝިއަން އަބްދުﷲ ޝާފިއުއާއި ނޫސްވެރިޔާ ޒިދާން މުޙައްމަދު ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. އަމިއްލަ ރާގަށް ހަދާފައިވާ މިލަވައިގެ މިއުޒިކްގެ އުފެއްދުމުގެ އިތުރުން ލަވަ ކިޔާފައިވަނީ އަބްދުﷲ ޝާފިއުއެވެ. ރެކޯޑްކޮށްފައިވަނީ ޝާ ސްޓޫޑިއޯއިންނެވެ.

ރ. ވާދޫ ޓުއަރސްގެ ނަމުގައި ޕްލެޓްފޯމެއް ގާއިމުކޮށް ޒިދާންގެ އިތުރުން ވާދޫގެ ޒުވާނުން ހިމެނޭ ޓީމަކުން އަންނަނީ މިރަށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެޕްލެޓްފޯމްގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

ލަވަޔާ ގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަމުން، ޒިދާންބުނީ، މިއީ އޭނާއާއި ވާދޫ ޓުއަރސްގެ ފަރާތުން ރ. ވާދޫގެ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ލަވައެއް ކަމަށެވެ.

”ޗުއްޓީގައި ރަށަށް ގޮސް ޒުވާނުންތަކެއްގެ އެއްބާރުލުމާއެކު އަޅުގަނޑު ނަގާފައިވާ ވީޑިއޯތަކެއް ބޭނުންކޮށްފައިވަނީ. އޭރިއަލް ފުޓޭޖްތަކަކީ ސަމީއު (މެކް) ނެގި ވީޑިއޯތަކެއް. މިކަމުގައި ޒުވާނުންގެ ފަރާތުން ލިބުނީ ވަރަށް ބޭނުންވި ސަޕޯޓެއް“ ލަވައިގެ ވީޑިއޯއާ ގުޅޭ ގޮތުން ވީޓީވީގައި މަސައްކަތްކުރަމުން އަންނަ އެތަނުގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް ޒިދާން ބުންޏެވެ.

ލަވައިގެ ވީޑިއޯ ތައްޔާރުކުރުމަށް ރަށުގެ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.