ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރަފާނެތީ ވާދޫ ސިޓީ ހޮޓެލް މަޝްރޫޢުގެ އެއްބަސްވުން ނުދޭން ނިންމައިފި
ރ. ވާދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ސިންގަޕޫރުގެ އެމް20 ހޮސްޕިޓާލިޓީ ވެންޗަރސްއާއެކު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ވެފައިވާ އެއްބަސްވުން ހޯދުމަށް ނޫސްވެރިޔަކު ހުށަހެޅުމުން އެ އެއްބަސްވުން ދެވެން ނެތް ކަަމަށް އެ ކައުންސިލުން އަންގައިފިއެވެ.
ވާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ހަ އަހަރަށްވުރެ ދިގުލައިގެންދިޔައިރު، އެއްބަސްވުން ހޯދުމަށް އެކައުންސިލަށް ހުށަހެޅީ ވީމީޑިއާގެ ސީނިއަރ ޖާނަލިސްޓް ޒިދާން މުޙައްމަދުއެވެ.
އެހެން ނަމަވެސް، އެކަމަށް އެދުނުތާ ގާތްގަނޑަކަށް މަސްދުވަސް ފަހުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަމްބަރާއި 23 ވަނަ މާއްދާގެ (ހ) އަށް ރިޔާއަތްކޮށް ރ. ވާދޫގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ސިންގަޕޫރުގެ އެމް20 ހޮސްޕިޓާލިޓީ ވެންޗަރސްއާއެކު ވެފައިވާ އެއްބަސްވުން ދެވެން ނެތް ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ވަނީ އޭނާއަށް އަންގާފައެވެ.
މިކަމާ ގުޅިގެން ޒިދާން ބުނެފައިވާ ގޮތުގައި، އޭނާ އެދުނީ ރައްޔިތުންނަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރި، ރައްޔިތުންގެ މަސްލަހަތު އޮތް އަދި ކައުންސިލުން މިހާތަނަށް އޭގައި ހުރި ގިނަ މައުލޫމާތުތައް ހާމަކޮށްފައި ނުވާ ލިޔެކިޔުމަކަށްވާތީ، ޖަވާބު މުރާޖާކޮށްދިނުމަށް އެދި ރިވިއު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއްބަސްވުން ދެވެން ނެތް ކަމަށް ބުނެ ވާދޫ ކައުންސިލުން ހަވާލާދީފައިވަނީ:
22 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން ޝަރުތުކޮށް ލިބިފައިވާ މައުލޫމާތު
(ރ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމަކީ، އެ ހާލަތުގެ އިންސާފަށާއި އަދުލަށް ބަލާއިރު، އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި ނުވާނަމަ، އެފަދަ މައުލޫމާތު.
(2) މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރަފާނެ މައުލޫމާތު.
23 ވަނަ މާއްދާ – ޒާތީ މައުލޫމާތު
(ހ) ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، މި ޤާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖައާ ކޮމިޓީގެ ހުއްދައާއެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެއެވެ.
މިފަދަ ހާލަތްތަކުގައި ރިވިއު ކޮމިޓީން ޖަވާބު މުރާޖާކުރަން 30 ދުވަހުގެ މުހުލަތެއް ކަނޑައެޅިފައި އޮވެއެވެ.
ވާދޫގައި ރިސޯޓެއް ހެދުމަށް ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 2016ވަނަ އަހަރުގެ ނޮވެމްބަރުމަހު ދޫކޮށްފައިވާ ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13ވަނަ ދުވަހުގައެވެ.
އެނގިފައިވާ ގޮތުގައި، ސިންގަޕޫރުގައި ރަސްޖިސްޓަރީކޮށްފައިވާ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާގެ މޯހަން މުތާ ކުންފުނީގެ ކުޑަޑައިގެ ދަށުގައިވާ ކުންފުންޏެކެވެ. މިފަދަ މަޝްރޫއެއްގެ މަސައްކަތް އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ކޮށްފައިނުވާއިރު، އަލުން ބިޑުނުކޮށް، ލީސް ބަދަލުކުރާ އުސޫލުން މިވަރުގެ މަޝްރޫއެއް ބަޔަކާ ހަވާލުކުރުމަކީ ގިނަ ބައެއް ކަންބޮޑުވުން ހުރި ކަމެކެވެ.
މިމަޝްރޫއުގެ މައުލޫމާތާއި އަދާހަމަތައް ވާދޫ ކައުންސިލުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް އެރަށުން މިނޫހާ ވާހަކަދެއްކި ބައެއް އާންމުން ބުނެއެވެ.
މާގިރި ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ވާދޫ ކައުންސިލާއެކު ސޮއިކުރިއިރު، އެކުންފުނި ރަޖިސްޓަރީކުރިތާ މަސް ދުވަސް ވެސް ނުވެއެވެ.
ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.