ދައުލަތުގެ އާމްދަނީގެ ގޮތުގައި ރ. ވާދޫ ކައުންސިލުން ބަލައިގަތް ފައިސާގެ ބައެއް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާކަން އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރ. ވާދޫ ކައުންސިލް އިދާރާގެ 2021ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު (2017/R-20)ގެ 22-5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ  ދައުލަތުގެ އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ – އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ވާނެ ކަމަށެވެ.

ނަމަވެސް، ވާދޫ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު ލިބިފައިވާ 53،304 (ފަންސާސް ތިންހާސް ތިންސަތޭކަ ހަތަރު) ރުފިޔާގެ ތެރެއިން 42،754 (ސާޅީސް ދެހާސް ހަތް ސަތޭކަ ފަންސާސް ހަތަރު) ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ އިދާރާތަކަށް ގަވާއިދުން އެ އެކައުންޓަށް ޖަމާނުކުރާ ނަމަ، ލިބޭނެ ގެއްލުންތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ދުވަހުންދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށާއި އަދި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ދަތިވުން ހިމެނެއެވެ. އަދި މިގޮތަށް ފައިސާ ޖަމާނުކޮށް ބަހައްޓާ ނަމަ މިއީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ރިސްކު އިތުރުވެގެންދާނެ ކަމެކެވެ.

ހަމައެހެންމެ، އެ ކައުންސިލްގެ އިދާރާއިން ބޭންކް ރީކޮންސިލިއޭޝަން ތައްޔާރު ނުކުރާ މައްސަލަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވާދޫ ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، ދުވަހު ފޮތުގައި އޮތީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަަމަށްވެސް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2021ވަނަ އަހަރު ލިބުނު އާމްދަނީގެ ގޮތުގައި ވިޔަ ޕޯޓަލްގެ އާމްދަނީ ރިޕޯޓުން ދައްކާ އަދަދާއި ދުވަހު ފޮތުން ދައްކާ އަދަދުގައި، 337،227 ރުފިޔާގެ ފަރަގު އުޅެއެވެ.

މިއީ 2020ވަަނަ އަހަރު އެ ކައުންސިލުން ބަލައިގަނެ ދުވަހު ފޮތުގައި ރިކޯޑްކޮށްފައި ނުވާ ފައިސާ ކަމަށް އޭޖީގެ އޮފީހުންވަނީ ބުނެފައެވެ.