ރ. ވާދޫއިން މުވާސަލާތީ ޚިދުމަތްތަކަށް ހާއްސަކުރެވިގެން އެންޓަނާ ޖެހުމަށް ބިން ދޫކުރަން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ، ރ. ވާދޫގައި މިފަދަ ޚިދުމަތްދޭ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ވާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ”ކުރީގެ ދިރާގު އެންޓަނާ“ ދޫނުކުރާ ކަމަށް ބުނެ އާންމު ފަރާތްތަކުން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ވާދޫ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން މުވާސަލާތީ ޚިދުމަތްތަކަށް ހާއްސަކޮށްގެން އެންޓަނާ ޖެހުމަށް މިރަށުން 2550 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީކުރުމަށް، ބީލަން ފޮތް ގަތުމަށް އެދޭ ފޯމް ފުރިހަމަކޮށް އެއިދާރާއަށް ހުށަހަޅަންޖެހެއެވެ.

ބީލަން ފޮތް ދޫކުރާނީ ބީލަން ގަތުމަށްއެދޭ ފޯމު ހުށަހެޅުމާއިއެކު، ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށް ވާދޫ ކައުންސިލުން ބުނެއެއެވެ. ބީލަން ފޮތުގެ (ސޮފްޓް ކޮޕީގެ) އަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ)އެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2023 ނޮވެމްބަރ 02 އިން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު މެއިލް ކުރާނަމަ، ފޯމު ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެއް ކަމަށާއި 2023 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ލިބޭ ފޯމުތަކަށް ބީލަން ފޮތް ނުވިއްކޭނެ ކަމަށްވެސް ވާދޫ ކައުންސިލުންވަނީ ބުނެފައެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު އެއިދާރާއިން ލިބެން ހުންނާނެއެވެ. ބީލަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު އެއިދާރާއިން ހޯދުމަކީ، ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށާއި ބިމަށްއެދި އަގުހުށަހެޅޭނީ މުވާސަލާތީ ނުވަތަ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ އޮތް ވިޔަފާރިއެއް ނުވަތަ ކުންފުންޏަކަށް ކަމަށްވެސް ވާދޫ ކައުންސިލުންވަނީ ބުނެފައެވެ.

ބީލަން ބަލައިގަތުމާއި، ބީލަން ކެނޑުން އޮންނާނީ 2023 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އެއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަންތައް ހުންނަންޖެހެނީ ސިޓީއުރައެއްގައި ބަންދުކޮށްގެންނެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންޖެހެއެވެ.