ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަދިޔާކުރަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
މިކަން އިއުލާންކުރެއްވީ، ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023 ގެ ފައިނަލު މެޗު ފެށުމުގެ ކުރިން ވާހަކަދައްކަވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ. ނާސިފް ވިދާޅުވި ގޮތުގައި، ފަލަސްތީނަށް ހަދިޔާކުރަނީ ޖުމުލަ 1،05،179 އަށްވުރެ ގިނަ ރުފިޔާއެވެ.
މިއީ ހޭންޑްބޯލް މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ބެހެއްޓި ފަންޑު ފޮށްޓަށް މިހާތަނަށް ޖަމާވި 5،179 އާއި އަތޮޅު ކައުންސިލްގެ ބަޖެޓުން ހަދިޔާކުރާ 100،000 ރުފިޔާއެވެ. ނާސިފް ވިދާޅުވީ، ފައިނަލް މެޗު ކުޅޭ ވަގުތު ވެސް ފަންޑު ފޮށި ބަހައްޓާފައިވާއިރު މިއަދު ޖަމާވާ ފައިސާވެސް އެއާ އެއްކުރެވިގެންދާނެ ކަމަށެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކުރި ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023 އިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ މެޗު ކުޅޭ ދަނޑުގެ ވަށައިގެން ފަލަސްތީނުގެ ދިދަ ހަރުކޮށްފައި ހުރި ކަމެވެ. ހަމަ ޔަގީނުންވެސް މި ކަމުން އެނގިގެންދިޔަ އެއް ކަމަކީ ރ. އަތޮޅަށް ހޭންބޯޅައިގެ އީދެއް އައިސްގެން އުޅޭ ނަަމަވެސް، ރ. އަތޮޅު ކައުންސިލާއި ރ. އަތޮޅުގެ ރައްޔިތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންނައްތާނުލާ ކަމެވެ.
މުބާރާތުގެ މެޗުތައް ކުޅެމުންދިޔައިރު ދަނޑުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ނަމަވެސް ލޮލުގައި އަޅައިގަންނަ ރަތާއި ފެއްސާއި ހުދާއި ކަޅުގެ ދިދައިން ރަމުޒުކޮށްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެވެ. މިއަދު އެ މިނިވަންކަން ގަދަބާރުން ބަޔަކު ނިގުޅައިގަނެފައިވާއިރު އެކަމާ ދެކޮޅަށް ރ. އަތޮޅު އޮތް ކަމުގެ ހެއްކަކަަށް އެ ދިދަތައް ފުދެއެވެ. މުޅި ދަނޑުން ދިން މެސެޖަކީ ”އަހަރެމެން މިތިބީ ފަލަސްތީނާއެކު“ ކަމެވެ.
މުބާރާތް ފެށި ދުވަހު ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ރ. ވާދޫ ލައިވް އަށް ވިދާޅުވީ، މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި އަތޮޅު ކައުންސިލުން ފަންޑް ފޮއްޓެއް ބަހައްޓާފައި ހުންނާނެ ކަމަށެވެ. މިފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ އިންސާނީ އެހީދޭ ޖަމިއްޔާއެއް މެދުވެރިކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށެވެ.
މިމުބާރާތުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި، މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށް ވާދަކުރަން ހުށަހެޅީ، ރ. އިނގުރައިދޫއާއި ރ. މަޑުއްވަރީގެ އިތުރުން ރ. ހުޅުދުއްފާރު އަދި ރ. އަނގޮޅިތީމުންނެވެ.
ފައިނަލް މެޗުގައި ވާދަކުރަނީ ހުޅުދުއްފާރާއި އަނގޮޅިތީމެވެ. ފައިނަލް މެޗު އުނގޫފާރު ފުޓްސަލް ގްރައުންޑްގައި މިހާރު ކުރިއަށް އެބަދެއެވެ.
