މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ޒަޔަނިސްޓް އިސްރާއީލުން ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް، ފަލަސްތީނު ފަންޑަށް 72،000 (ހަތްދިހަދެހާސް) އަށްވުރެ ގިނަ ހަދިޔާކޮށްފިއެވެ.

މިއީ އެރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ އެއް ދުވަހުގެ މުސާރައަށްވާ ފައިސާ އެއްކޮށް ހަދިޔާކުރި ރުފިޔާގެ ޖުމުލަ އަދަދެވެ. ހުރިހާ މުވައްޒަފުން އެކުވެގެން 72،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހަދިޔާކުރި ނަމަވެސް ސީދާ އަދަދު ކަށަވަރެއް ނުކުރެވެއެވެ.

މުސާރައިން އެއް ދުވަހަށް ޖެހޭ ވަރު ހަދިޔާކުރި މުވައްޒަފުންނަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒު، މީދޫ ކައުންސިލް، މީދޫ ހެލްތު ސެންޓަރު، މީދޫ ޕޮލިސް، ފެނަކަ މީދޫ ގޮފި، ގައުމީ ބޭންކު (ބީއެމްއެލް)ގެ މީދޫ ގޮފި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މީދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ފަލަސްތީނާއެކު މީދޫ ރައްޔިތުން ތިބިކަން ހާމަކުރުމަށް ބޮޑު ހިނގާލުމެއްވެސް ބާއްވާފައިވާއިރު، ފަންޑު ހޯދުމަށް ކާބޯތަކެތި ވިއްކުމުގެ އިވެންޓެއްވެސް ވަނީ ބާއްވާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,100 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ޔަހޫދީންގެ ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

މިފަހުން ފަލަސްތީނުގެ އަލް-ޝިފާ ހޮސްޕިޓަލަށް ޔަހޫދީން ދިން ރަޙުމު ކުޑަ ހަމަލަތަކާ ގުޅިގެން ޙަމާސް ޖަމާޢަތުން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑައިލަން ނިންމާފައެވެ.

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލަށް ބޮންއަޅައި، އެ ތަނުގައި ހުންނަ ހިތުގެ ބަލިތަކަށް ފަރުވާދޭ ވޯޑުވަނީ ސުންނާފަތި ކޮށްލައިފައެވެ. އަލް-ޝިފާ ހޮސްޕިޓަލުގައި ވަކިން ހުންނަ ދެ ފަންގިފިލާއަށް ނަގާފައިވާ ޢިމާރާތަށް ޔަހޫދީން ހަމަލާ ދީފައި ވަނީ، ޣައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ތެރެއިންނެވެ. މިއީ، ޔަހޫދީން އަލް-ޝިފާ ހޮސްޕިޓަލަށް ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ.