ރ. ވާދޫގައި ދިރިއުޅެން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ގެޖެޓްކުރި އިއުލާނެއްގައި ބުނީ، ރ. ވާދޫއިން ދިރިއުޅުމަށް 2000 އަކަފޫޓުގެ 59 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ވާދޫ ކައުންސިލުން ބުނީ، ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ”ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު“އާ އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ.
ރ. ވާދޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް:
- 1. ދިވެހި ރައްޔިތަކަށްވުން،
- 2. ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން،
- 3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، އިއުލާންގައި ބަޔާންކޮށްފައިވާ ފަދައިން ބިމެއް ލިބިފައި ނެތުން.
3.1 ވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން ނުވަތަ ލިބިފައިނެތުން،
3.2 ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާނަމަ ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. ބިން ދޫކޮށްލާނެގޮތް މިއުސޫލުގައި ބަޔާންކޮށްފައިވާނެ،
3.3 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައިއޮވެ، އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން،
3.4 ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްބަސްވެ ދޫކޮށްލުމަށް އިޤްރާރުވުން
4. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ރޯހައުސްއެއް/ ހައުސިންގ ޔުނިޓެއް، ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވަތަ ރަޖިސްޓަރީ ވެފައިނެތުން،
5. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ރޯހައުސްއެއް/ ހައުސިންގ ޔުނިޓެއް، ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އަމިއްލަ ނަމުގައި އޮވެ، އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން،
ވާދޫ ކައުންސިލުންވަނީ އިއުލާނާއިއެކު މިރަށުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ޗާޓުވެސް ހިމަނާފައެވެ.
ގޯއްޗަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރ 31 ގެ 14:00 ގެ ކުރިން އެއިދާރާއަށް ފޯމް ހުށަހެޅުމަށް އެކައުންސިލުންވަނީ އެދިފައެވެ
ވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއި، ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުސޫލު، ވާދޫ ކައުންސިލްގެ އިއުލާނާއިއެކު އެއްކަރުދާސް ކޮށްފައިވެެއެވެ. އަދި މިއުސޫލާއި، ރ. ވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުޙަހަޅާ ފޯމް ވާދޫ ކައުންސިލްގެ އިދާރާއިންނާއި ވާދޫ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
