ރަށު ކައުންސިލެކޭ ބުންޏަސް ރ. އުނގޫފާރު ކައުންސިލުން ނިންމާ ކަންކަަމުގެ އަސަރު އަތޮޅުގެ ހުރިހާ ރަށަކަށް ނުވަތަ ގިނަ ރަށްތަކަކަށް ކުރުމަކީ ވެދާނެ ކަމެކެވެ. ސަބަބަކީ އެއީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މާޅޮސްމަޑުލު އުރުރުބުރީގެ އަތޮޅުވެރިކަންކުރާ ރަށަކީ އުނގޫފާރެވެ. އުނގޫފާރަކީ އަތޮޅުގެ ބެލެނިވެރި އިދާރާވެސް ހުރި ރަށެވެ. އެތައް ބަޔަކު ބަރޯސާވާ އަތޮޅު ހޮސްޕިޓަލްވެސް ހުރި ރަށެވެ.

ދާދި ފަހުން އުނގޫފާރު ކައުންސިލުން މިވަނީ ނިންމުމެއް ނިންމާފައެވެ. މިނިންމުމަކީ އޭގެ އަސަރު އަތޮޅުގެ އަށް ރަށަކަށް ސީދާ ގޮތުން ކުރި ނިންމުމެކެވެ. ނުސީދާ އަސަރު މުޅި އަތޮޅަށެވެ. އާނއެކެވެ. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް، ރ. އުނގޫފާރުގައި ހޯސްޓުނުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުމުގެ ވާހަކައެވެ.

އަތޮޅުގެ ވެރިކަންކުރާ އުނގުފާރުގެ ރަށު ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. އަދި މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެރަށުގެ ގިނަ އަދަދެއްގެ މީހުން އެކަމާ މެދު ނުރުހޭތީ ކަމަށެވެ. އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.

ނަމަވެސް، އުނގޫފާރު ކައުންސިލްގެ އެ ނިންމުމަކީ ރަސްމީކޮށް ރައްޔިތުންގެ ޚިޔާލު ހޯދައިގެން ނިންމި ނިންމުމެއް ނޫންކަން ރ. ވާދޫ ލައިވްއަށްވަނީ ކަށަވަރުވެފައެވެ. އަދި އެ ނިންމުމަކީ ފުޓްސަލް ދަނޑު ބޭނުންކުރާ ”މަދު ބައެއްގެ ޖަޒުބާތީ ވާހަަކަތަކެއް“ އިވިގެން ކައުންސިލުން ނިންމި ނިންމުމެއް ކަމަށް އެ ރަށުން މިނޫހާ ވާހަކަދެއްކި މީހަކު ބުންޏެވެ. އަދި އުނގޫފާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުންފާޅުކުރާތީ ކަމަށް ބުނާ ބުނުމުގައި އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އުނގޫފާރު ކައުންސިލްގެ މިނިންމުމާއެކު ރ، އަތޮޅު ކައުންސިލުންވަނީ އުނގޫފާރުގެ ޓީމެއްވެސް ވާދަކުރާ ފުޓްސަލް މުބާރާތް އެ ރަށުގައި ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ. އަދި މުބާރާތް ހޯސްޓުކުރާނެ ރަށެއް، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ފަހުން އިއުލާންކުރާނެ ކަމަށް އަތޮޅު ކައުންސިލުންވަނީ ބުނެފައެވެ.

މި މުބާރާތާ ގުޅޭ ގޮތުން، ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ސުންގަޑި މިމަހުގެ 23 ވަނަ ދުވަހު ހަމަވިއިރު، ޖުމުލަ އަށް ރަށަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހޯސްޓުކުރަން އެއްވެސް ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ.

ހޯސްޓުކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަތޮޅު ކައުންސިލުން މަސައްކަތްކުރީ އަތޮޅުގެ މެދުތެރޭގައި އޮންނަ، ގިނަ ޚިދުމަތްތައް ލިބޭ، އަތޮޅުގެ ވެރިކަންކުރާ ރަށުގައި މުބާރާތް ބާއްވާށެވެ.

އެނގިފައިވާ ގޮތުގައި މިމުބާރާތް ހޯސްޓުކުރަން ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުޒުރުވެރިވީ، އެ ރަށްރަށުގައި ހުރި ފުޓްސަލް ގްރައުންޑްތަކުގެ ފެންވަރު، މިފަދަ މުބާރާތެއް ބޭއްވޭ ވަރަށް ނެތީމައެވެ. މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤްވެސް ފާހަގަކުރެެއްވީ އެކަމެވެ.

ރ. އަތޮޅުގެ ވެރިކަންކުރާ ކައުންސިލްގެ ނިންމުމާއެކު މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި އަތޮޅު ކައުންސިލަށް މިވަނީ ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ރ. އަތޮޅު ކައުންސިލުން އަންނަނީ ރަށު ކައުންސިލްތަކާ ވާހަކަދައްކައިގެން އަލިމަގެއް ފެނޭތޯ ބަލަމުންނެވެ.

ކޮންމެއަކަސް، އުނގޫފާރު ކައުންސިލަށް މިފަހަރު އެޅުނީ ޅައެއްޗެކެވެ. މުބާރާތެއް ހޯސްޓުކޮށްގެން ރަށަށް ވާނީ ފައިދާއެވެ. ވިޔަފާރީތަކަށްވެސް ވާނީ ފައިދާއެވެ. ހަމައެކަނި ސީދާ ގެއްލުމަކަށްވާނީ މެޗުތައް ކުޅޭ ވަގުތު އެހެން ކަމަށްކަށް ދަނޑު ބޭނުން ނުކުރެވުމެވެ. މިފަހަރު މަދު ބަޔަކު ބުނި ބަހަށް ނިންމުނުު ނިންމުމަކުން އެތައް ބައެއްގެ ނުރުހުން މިވަނީ އުނގޫފާރު ،ކައުންސިލަށް އަމާޒުވެފައެެވެ.

އެއްބަޔަކު ބުނާ ގޮތުގައި، މަދުބައެއްގެ މަސްލަަހަތަށްވުރެ އެ ކައުންސިލަށް މުހިންމުވާންޖެހޭނީ ރަށުގެ ގިނަ މީހުންގެ އަދި އަތޮޅުގެ އަށްރަށުގެ މީހުންގެ މަސްލަހަތެވެ. މިނިންމުމާއެކު އުނގާފާރުން މުބާރާތުގައި ވާދަކުރާ ޓީމަށްވެސް ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމަށް ވެސް އާންމުން އެބަ ބުނެއެވެ.

”އުނގޫފާރުގައި ބާއްވަން އެންމެ ރަނގަޅުވާނީ. ހޮސްޕިޓަލްވެސް ހުންނަނީ އެރަށުގައެއްނު. ޒަހަމްވާ މީހުންނަށް އަވަހަށް ފަރުވާ ދެވޭނީ އެރަށުގަ ބޭއްވީމަ.“ މީހަކު ސޯޝަލްމީޑިއާގައި ޚިޔާލުފާޅުކުރިއެވެ.