ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި، ބަޖެޓް 24 ގައި ރ. ވާދޫގައި ހިންގުމަށް މުޅިން އައު ތިން މަޝްރޫއެއް ހިމަނާފައިވާނެ ކަމަށް، ސަރުކާރާ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ރ. އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރ. އަލިފުށި، ރ. ވާދޫ، ރ. ރަސްގެތީމު އަދި ރ. އަނގޮޅިތީމު ތަމްސީލްކުރައްވާ މެމްބަރު މުޙައްމަދު ރަޝީދު “ރ. ވާދޫ ލައިވް“ އަށް ވިދާޅުވީ، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި، ބަޖެޓް 24 ގައި ރ. ވާދޫގައި ހިންގުމަށް މުޅިން އައު ތިން މަޝްރޫއެއް ހިމަނާފައިވާނެ ކަމަށާއި މިމަޝްރޫއުތައް 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމީ މިކަންކަމަކީ އެމަނިކުފާނު ދާއިރާގެ ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކުގެ ތެރެއިން ވާދޫއަށް ޒިޔާރަތްކުރެއްވި ފަހަރުތަކުގައި، ވާދޫގެ ރަށްޔިތުންގެ ފަރާތުން އެކި ފަހަރުގެ މަތިން އެދިފައިވާ ކަންކަމަށްތީ ކަމަށެވެ.
ވާދޫގައި ހިންގުމަށް އަލަށް ބަޖެޓްކުރި މަޝްރޫއުތައް:
- ބިންހިއްކުން (ޕިކްނިކް އައިލެންޑެއް ހިމެނޭ ގޮތަށް).
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.
- ވާދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުން.
މިމަޝްރޫއުތަކަކީ ފޯނުން ގުޅައިގެންވެސް ބަޖެޓްގައި ހިމަނައިދެއްވުމަށް މެމްބަރު މުޙައްމަދު ރަޝީދުގެ އަރިހުން ވާދޫގެ ގިނަ ރައްޔިތުން އެދިފައިވާ މަޝްރޫއުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިމަޝްރޫއުތަކަކީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައްޔިތުންގެ އެދުމުގެ މަތީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ކޮށްދެއްވުމަށް ވައުދުވެވަޑައިގެން ކަންތައްތަކެއްކަން ފާހަގަކޮށްލަމެވެ.
ނިމިދިޔަ ސަރުކާރުންވަނީ، މިހާތަނަށް ސަރުކާރަކުން ވާދޫގައި ހިންގި އެންމެ ގިނަ މަޝްރޫއުތައް ހިންގުމުގެ ރެކޯޑް ގާއިމުކޮށްފައެވެ.
