ރ. ފައިނުން މޫސުމީ ދަނޑުބިން ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ އާންމުކޮށްފިއެވެ.
ފައިނު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތާއި މޫސުމީ ދަނޑު ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައެވެ.
މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 24 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން އެޝަކުވާއެއް ހުށަހެޅުމަށް އެދޭ ކަމަށްވެސް ފައިނު ކައުންސިލުން ވަނީ ބުނެފައެވެ. ޝަކުވާ ހުށަހަޅާ ފޯމް އެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
މުސޫމީ ދަނޑުބިމަށް އެދުމަށް ހުޅުވާލި އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އަދަދަށްވުރެ އިތުރަށް 8 ދަނޑުބިމެއް އޮތުމާ ގުޅިގެން އެ ދަނޑުބިންތަކަށް އެދުމުގެ ފުރުޝަތެއް ފައިނު ކައުންސިލުން ހުޅުވާލީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
މި ދަނޑުބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އަޙްމަދުފުޅު ކޮށިމަގުންނެވެ. އަދި ދޫކުރަނީ 60 ދަނޑެވެ.
