ނިއުމޯނިއާ ބަލީގައި ނިޔާވި، ރ. ވާދޫ ވިންޑްސްޓަރ، މަރިޔަމް ސާނިޔާ (މަރީ)ގެ ބޭސްފަރުވާއަށް އޭނާގެ ފިރިމީހާގެ އެކައުންޓަށް އެކިއެކި ފަރާތްތަކުން ޖަމާކޮށްފައިވާ ޞަދަޤާތު ފައިސާ، ހަމަ އެބަލީގެ ވޭން ތަހައްމަލުކުރަމުންދާ ތުއްތު ނާފް މުޙައްމަދު ޠާހާއަށް ހަދިޔާކޮށްފިއެވެ.

މިކަން މަރީގެ ފިރިމީހާ އަލީ ފަޔާޟްވަނީ ހާމަކޮށްފައެވެ. މިގޮތުން މަރީގެ ފަރުވާއަށް ލިބުނު ފައިސާ (27،608.88 ރުފިޔާ) އޭނާ މިހާރުވަނީ ނާފްގެ އާއިލާއަށް ފޮނުވާފައެވެ.

ނިމޯނިއާގެ އިތުރުން، އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (އޭއާރްޑީއެސް) އަދި ސްކެމިކް މަޔޯކާޑިކަލް ބައްޔަށް ހުށަހެޅި މަރީ ނިޔާވެފައިވަނީ 21 ޑިސެމްބަރު 2023 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުއެވެ.

ފަޔާޟްއަށް ލިބުނު އެހީގެ ފައިސާ ހަދިޔާކޮށްފައިވަނީ ތިން ފަހަރު މަތިން ނިއުމޯނިއާ ޖެހިފައިވާ ކުއްޖަކަށެވެ. މިހާރުވެސް ފަރުވާދެމުންދާ ނާފްއަކީ އުފަންވީ އުފަން ވުމުގައިވެސް ހާއްސަ އެހީތެރިކަމަށް ބޭނުންވެފައި ހުރި ކުއްޖެކެވެ. ފުރަތަމަ އުފަންވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ނާފް ތަހައްމަލް ކުރަމުން އަންނަނީ ހިތްދަތި އަދި ވޭނީ ދުވަސްތަކެކެވެ.

ނާފްގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ:

ދަރިފުޅުގެ މަންމަ: އިސާމާ ދާއޫދު: 9713214

ދަރިފުޅާއި ބައްޕަގެ ޖޮއިންޓް އެކައުންޓް ނަންބަރު: 7730000513870

މުހައްމަދު ޠާހާ އަބްދުލްކަރީމް ޑޮލަރު އެކައުންޓް: 7730000215

ނިއުމޯނިއާ އަކީ ކޮބާ؟

ނިއުމޯނިއާ އަކީ ފުއްޕާމޭގެ އިންފެކްޝަންއަށް ކިޔާ އާންމު ނަމެކެވެ. އެހެނީ އެއީ ފުއްޕާމެއަށް ކޮންމެވެސް ގޮތަކުން ޖަރާސީމް ދަތުރުކޮށް ފުއްޕާމޭގައި އަރިދަފުސް ހިފުމަށް މެދުވެރި ކުރުވާ ބައްޔެކެވެ. މީގެ ސަބަބުން ކެއްސުމާއެކު އަރިދަފުސް އައުމަށާއި ނޭވާލުމަށް އުނދަގޫވެ އަދި ހުން އައުން ފަދަ އުނދަގޫތައް މެދުވެރި ކުރުވައެވެ.

ނިއުމޯނިއާ އެންމެ އާންމުކޮށް ޖެހެނީ އަހަރުމެން ނޭވާ ލާ ވައިގައި ހުންނަ ބެކްޓީރިއާ ނުވަތަ ވައިރަހެއްގެ ސަބަބުންނެވެ. އާންްމުކޮށް އަހަރުމެންގެ ދިފާއީ ނިޒާމަށް މި ޖަރާސީމްތައް އަހަރުމެންގެ ހަށިގަނޑަށް، ހާއްސަކޮށް ފުއްޕާމެއާ ހަމައަށް ދިޔަ ނުދިނުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިފާއީ ނިޒާމާ ހަނގުރާމަކޮށް މި ޖަރާސީމްތައް ފުއްޕާމެއާ ހަމައަށް ފޯރާ، އިންފެކްޓް ވުމަށް މެދުވެރި ކުރުވަ އެވެ.

ނިބައެއް ހާލަތްތަކުގައި ނިއުމޯނިއާ އަކީ ފަސޭހައިން ފަރުވާ ކުރެވޭ އެހާ ސީރިއަސް ބައްޔެއް ނޫން ކަމުގައި ވީނަމަވެސް އަނެއްބައި ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާ ކުރަނިވި ބައްޔެކެވެ. ބަލީގެ ނުރައްކާތެރިކަން ބިނާވަނީ ބަލި ޖެހުމަށް މެދުވެރި ކުރުވި ޖަރާސީމުގެ ބާވަތާއި، ބަލި މީހާގެ ސިއްހީ ހާލަތަށާއި އުމުރު ފަދަ ކަންކަމުގެ މައްޗަށެވެ. ވީމާ ބަލީގެ އަލާމާތްތައް ވެސް ބިނާވާނީ ހަމަ މި ކަންކަމުގެ މައްޗަށެވެ. އެހެނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިން އަދި ކޮންމެވެސް އެހެނިހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ފަރާތްތަކަށް ނިއުމޯނިއާ އަކީ ފުރާނައަށް ނުރައްކާ ކުރުވަނިވި ބައްޔަކަށް ވުމުގެ ފުރުސަތުތައް ވަރަށް ބޮޑެވެ.

ނިއުމޯނިއާގެ އާންމު އަލާމާތްތައް:

  • ކެއްސުމާއެކު އަރިދަފުސް އައުން
  • ނޭވާލާއިރު ނުވަތަ ކެއްސާއިރު މެއަށް ތަދުވުން
  • ވަރުބަލިވުން
  • ނޭވާލުމަށް އުނދަގޫވުން/ ނޭވާކުރުވުން
  • ހުންއައުން، ތުރުތުރު އެޅުމާއި ހީކެރުވުން، ދާހިތްލުން
  • ހޮޑުލެވުން
  • ބޭރަށް ހިންގުން

ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން ބައެއް ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާ ކުރުވަނިވި ބައްޔަކަށް ވެދާނެތީ މަތީގައި ބަޔާން ކުރެވިފައިވާ އަލާމާތްތަކުގެ ތެރެއިން އެއްވެސް ކަމެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަން ވާނެއެވެ.