ކުލަގަދަ ރަސްމިއްޔާތަކުން ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023 ފަށައިފިއެވެ.
މާޅޮސްމަޑުލު އުތުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ފަށާފައިވަނީ މިއަދު ހަވީރު ރ. އިންނަމާދޫގައެވެ.
ރ. އަތޮޅުގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފާއި އެމަނިކުފާނުގެ ޓީމުން ބައިވެރިވެވަޑައިގަތުމުން، ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފްވަނީ އަތޮޅު ކައުންސިލާއި އިންނަމާދޫ ރައްޔިތުންގެ ނަމުގައި އެ ބޭފުޅުންނަށް ޝުކުރުދައްނަވާފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ނާސިފްވަނީ އޭނާގެ އުފަން ރަށުގައި މުބާރާތް ފެށިއިރު ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ކުރިއަށްގެންދެވުންކަން ފާހަގަކުރައްވާފައެވެ.
ދިމާވި ގޮންޖެހުންތަކާހުރެވެސް ރަނގަޅު އިންތިޒާމެއްގެ ތެރެއިން މުބާރާތް ބޭއްވޭތީ އެކަމަށް އުފާކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. ނާސިފްވަނީ މިކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިން އެ ރަށު ކައުންސިލާއި މުއައްސަސާތައް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023 ގައި އިނގުރައިދޫ ސްކޫލްގެ ދަރިވަރުން ވަނީ މުބާރާތުގެ ތީމް ލަވައަށް ހިތްގައިމު ހުށަހެޅުމެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން މިމުބާރާތަށް މަރުހަބާ ކިޔުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައަކަށްވެސް އިންނަމާދޫ ސްކޫލްގެ ދަރިވަރުންތަކެއް ފަރިފަރި ނެށުމެއް ހުށަހަޅައިދީފައި ވެއެވެ.
މީގެ ކުރިން ބޭއްވި، ރ. އަތޮޅު ހޭންޑްބޯލް މުބާރާތެކޭވެސް އެއްގޮތަށް މިމުބާރާތް ކުޅޭ ދަނޑުންވެސް ފެނިގެންދަނީ ރ. އަތޮޅު ކައުންސިލާއި ރައްޔިތުން ފަލަސްތީންގެ ރައްޔިތުންނާއެކު ތިބި ކަމުގެ ނިޝާންތަކެވެ.
އެންމެ ފާހަގަކުރެވުނު އެއް ކަމަކީ މެޗު ކުޅޭ ދަނޑުގެ ވަށައިގެން ފަލަސްތީނުގެ ދިދަ ހަރުކޮށްފައި ހުރި ކަމެވެ. ހަމަ ޔަގީނުންވެސް މި ކަމުން އެނގިގެންދިޔަ އެއް ކަމަކީ ރ. އަތޮޅަށް ފުޓްސަލްގެ އީދެއް އައިސްގެން އުޅޭ ނަަމަވެސް، ރ. އަތޮޅު ކައުންސިލާއި ރ. އަތޮޅުގެ ރައްޔިތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންނައްތާނުލާ ކަމެވެ.
މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ދަނޑުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ނަމަވެސް ލޮލުގައި އަޅައިގަންނަ ރަތާއި ފެއްސާއި ހުދާއި ކަޅުގެ ދިދައިން ރަމުޒުކޮށްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެވެ. މިއަދު އެ މިނިވަންކަން ގަދަބާރުން ބަޔަކު ނިގުޅައިގަނެފައިވާއިރު އެކަމާ ދެކޮޅަށް ރ. އަތޮޅު އޮތް ކަމުގެ ހެއްކަކަަށް އެ ދިދަތައް ފުދެއެވެ. މުޅި ދަނޑުން ދިން މެސެޖަކީ ”އަހަރެމެން މިތިބީ ފަލަސްތީނާއެކު“ ކަމެވެ.
މިއަދު އޮތް އޯޕެނިންގ މެޗުތައް ބައްލަވާލެއްވުމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވަޑައިގަތީ ފަލަސްތީނަށް ހާއްސަކޮށްފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ.
މިރަސްމިއްޔާތުގައި އިއްޒަތްތެރިންގެ ގޮތުގައި ރ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.
މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.
ނަމަވެސް މިއަދު ހަވީރު މުބާރާތުގެ ކުޅުން ފެށިއިރު، އިންނަމާދޫ އިން އޮތީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.