ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް ރޭސިންގ ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރޭސިންގ ޓްރެކްތައް އެޅުމަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މަޝްރޫޢުތަކަށް 403 މިލިއަން ރުފިޔާ ހިމަނުއްވާފައިވާކަން ފާހަގަކުރެވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރޭސިންގ ޓްރެކް އެޅުމަށް 2,375,000 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ ހިމަނުއްވާފައިވެއެވެ.

މިކަމާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވަނީ، ރޭސިންގ ދާއިރާގައި ހަރަކާތްތެރިވާ އެތައް ޒުވާނުންނެއް އެތައް ޒަމާނެއް ވަންދެން އެކި ސަރުކާރުތަކުގައި ދަންނަވައިގެން ހައްލުނުލިބި އޮތް މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ބަޖެޓުގައި މި މަޝްރޫޢު ހިމެނިގެން ދިޔުމަކީ ރޭސިންގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއަކާއި ހިތްހަމަޖެހުމެއްކަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ސަރަހައްދުގައި ރޭސިން ޓްރެކް އެޅުމަށް ނިންމާފައިވަނީ ބްރިޖް ހައިވ ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެންނެވެ. އަދި މި ރޭސިންގ ޓްރެކް އެޅުމުގެ މަސައްކަތް ވަނީ އެމްއޭސީއެލްއާ ހަވާލުކުރެވިފައެވެ. މި މަޝްރޫޢަކީ އެމްއޭސީއެލުން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހައިވޭގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރި ގޮތްކަމަށް ނުބެލެވޭތީއާއި، ރޭސިންގ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއް ބޭނުންވާތީ، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީއެވެ.

ރޭސިންގ ޓްރެކެއް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކުރެވެއެވެ.