ރާއްޖޭގައި ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން، ޑެންގޫ ހުން ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ޑެންގޫ ޖެހުނު މީހުންގެ އަދަދަށްވުރެ އޮކްޓޯބަރު މަހު ބަލި ޖެހުނު މީހުންގެ އަދަދު އިތުރެވެ.

ޑެންގޫ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ފެން ހަރުލާފަދަ އެއްޗެހި މަގު މައްޗަށް އުކާ ނުލައި، އެފަދަ ތަކެތި ނައްތާލުން
  • މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުން
  • މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރުން
  • ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ( މަދިރި އެންމެ ގިނަވާ ވަގުތު) ގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.

ޑެންގޫ ހުމުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.

އެޗްޕީއޭ އިން މައުލޫމާތު ދިން ގޮތުގައި، ޑެންގޫ ވައިރަސް ފެތުރެނީ ޑެންގޫ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.