ރ. ވާދޫ ކުނިކޮށި ހަދާ ކުންފުންޏަށް ސަރުކާރުން ފައިސާ ނުދީގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝަކުވާ ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވާދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އަޅަން އިއުލާންކޮށް އެ ޕްރޮޖެކްޓް ލިބުނު ފަރާތަށް ދިމާވި ކަންތައްތަކުގެ ވާހަކަ ވަނީ ކަންބޮޑުވުމާއެކު ހިއްސާކޮށްފައެވެ.
މި މަސައްކަތާ ހަވާލުވި ފަރާތުން ވަނީ ކުރި މަސައްކަތްތަކަށް ބިލުކޮށްގެން ފައިސާ ނުދޭތާ 2 އަހަރާއި ބައި ވެއްޖެ ކަމަށާއި، ފޮނުވި ބިލު ގެއްލުވާލާފައިވާ އިރު، ވަޒީރަކަށް ވާނުވާ ވެސް ނޭނގޭ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވިޔަފާރިވެރިޔާ އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ބުނީ ސަރުކާރުގެ މަސައްކަތް ކޮށްފައި ލިބެންޖެހޭ ލާރިކޮޅު ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އެކި ޖަލްސާތަކުގައި ވިޔަފާރިވެރިންނަށް ފައިސާ ދެއްވާނެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ރައީސްގެ ދެފަރާތުން ތިއްބެވި ކެބިނެޓު ވަޒީރުންގެ ކިބައިގައި ރައީސްގެ ހުންނަވާ ސިފަތަކެއް އަދި ރައީސް ވަޑައިގަންނަވާ މަގުން ހިންގަވާ ބޭފުޅެއް ނެތް ކަމަށެވެ.
ވިޔަފާރިވެރިޔާ ބުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ މަސައްކަތް ކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ފިނޭންސް މިނިސްޓްރީގައި އެެދުމުން ލާރިދޭން ޖެހޭ ކަމަށާއި، ނަމަވެސް އެދިގެން ވެސް ފިނޭންސް މިނިސްޓްރީ އިން ލާރި އެއް ނުދިން ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގައި ފޮނުވި ބިލު ގެއްލިއްޖެ ކަމަށާއި، ހޯދާހޯދާ ވެސް ނުފެނުނު ކަމަށެވެ. އެ ބިލެއް މިނިސްޓަރަކަށް ވެސް ނުފެނުނު ކަމަށާއި، އިހައް ދުވަހަކު ބޮޑު މުޒާހަރާ އެއްކޮށްގެން ބެލި އިރު ބިލުގައި އޮތީ ހިރަފުސް ޖަހާފައި ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.
”ދޯންޏެއްގައި މަޑުޖަހާހެން އޭގައި އޮތީ މަޑު ޖަހާފައި. 3 ދުވަސް ވެއްޖެ ހިރަފުސް ސާފުކުރާތާ. އަދިވެސް އެ ނުދޭ ފިނޭންސް އަކަށް. އަޅުގަނޑު 4 މަސް ދުވަހަށް ނަގާފައި އިން ޕްރޮޖެކްޓެއް، މަސައްކަތް ފަށައިގެން 2 މަސް ދުވަސް މިދިޔައީ. އަދި ފިނޭންސަކަށް ނުވަދޭ. ފިނޭންސް ގައި އަދި 4 މަސް ވާނެ. ފިނޭންސްގައި އެމީހުން އަމިއްލައަށް ހަދާފައި އޮންނަ ގަވާއިދު ވެސް ފޮލޯއެއް ނުކުރޭ. 14 ދުވަހުގެ ތެރޭގައި ލާރިދޭން އޮންނަނީ އެއްބަސްވެފައި. އެކަމަކު އެ 14 ދުވަސް ގުނާ ކަލަންޑަރެއް ނޭނގޭ އަޅުގަނޑަކަށް. އަޅުގަނޑުމެން މިތިބެ ހަނާވަނީ. އަޅުގަނޑުމެން ޓެކްސް ދައްކަންޖެހޭ. ޖީއެސްޓީ ދައްކަންޖެހޭ. ގެންގޮސް ކޮމްޕިއުޓަރު ހުޅުވާލާ އިރު މި އިންނަނީ ކޯޓާފީ، ވިސާ، އޮބިނޯވޭ. މުސާރަ ދޭންޖެހޭ، ސަރުކާރުން ލާރިއެއް ނުލިބޭ. މި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި 2 އަހަރު ބައިވީ 13 ލައްކަ ރުފިޔާ ހުންނަތާ.“
ވިޔަފާރިވެރިޔާ ބުނީ ކުދި ވިޔަފާރި ކުރިއަރުވަން އަދި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރުވަން އަންނަ ކޮންމެ ބަޔަކު ބުނަނީ އެވެނި ކަމެއް މިވެނި ކަމެއް ކުރާނެ ވާހަކަ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ނުވާ ކަމަށެވެ. ވިޔަފާރިޔާ ބުނީ ބިޑެއް ކާމިޔާބު ކުރަން ބެލިޔަސް އެ ލިބެނީ ބޮޑެތި ކުންފުނިތަކަށް ކަމަށާއި، މިލިއަނުން ބޮޑެތި ކުންފުނިތަކަށް ފައިސާ ދޭއިރު ކުދި ވިޔަފާރިވެރިންނަށް 15 ދުވަހުގެ ތެރޭގައި ވެސް ފައިސާ ނުލިބޭ ކަމަށެވެ.