ރ. އިންނަމާދޫގައި މިއަދު ފެށި، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގެ އޯޕެނިންގ މެޗު ރ. ދުވާފަރު ފުޓްސަލް ޓީމުން ކާމިޔާބުކޮށްފިއެވެ.

މާޅޮސްމަޑުލު އުތުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ ތިން ވަނަ މެޗު 2022 ގެ އަތޮޅު ޗެމްޕިއަން ދުވާފަރު ކާމިޔާބުކުރީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގެ ފުޓްސަލް ޓީމާއެކު ކުޅެ 1-8 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދުވށފަރު ޓީމުގެ މުހައްމަދު އިސާމް (ޖާޒީ ނަމްބަރު 30) އެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިއަދު ހަވީރު މުބާރާތުގެ ކުޅުން ފެށިއިރު، އިންނަމާދޫ އިން އޮތީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.