އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ވަޒީރުގެ މިދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާގެ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ސަރުކާރުން 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ވަޒީރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވާ، މައްކާ ރޫޓު އިނީޝިއޭޓިވްއާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމަނާފައިވަނީ 1446 ވަނަ އަހަރުން ފެށިގެންނެވެ.
ވަޒީރު ބައިވެރިވެލައްވާނީ ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ ފަސް ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ގުޅުން ހަރުދަނާވެ، ޙައްޖުގެ ކަންކަމުގައި ސަޢުދީ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ދެމުންދެއެވެ.
ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، 1446 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނިފައެވެ. މިކަމުގައި ޤައުމުތައް ކަނޑައެޅުމުގެ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކުރެވި ޚާއްސަ ކަމެއް ދެވިފައިވެއެވެ.