ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހުޅުމާލެ ހޮސ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ފާއިތުވި ދުވަސްތަކުގައި ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލްތަކަށް ފައިސާ ދެއްކުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކުން ބިލްތަކަށް ނަގުދު ފައިސާއިން ދައްކަން މަސައްކަތްކުރުމުން، ދިވެހި ފައިސާގެ ނޫޓު ބަލައިނުގަންނަ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުން އަންގަމުންދާކަން ލިބިފައިވާ މަޢުލޫމާތުން ކަށަވަރުވެއެވެ.

ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ނިންމުމެއްގައި، ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ހުޅުމާލެ ހޮސްޕިޓަލުން ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ބުރާސްފަތި ދުވަހު ”ފަށާއިރު“ ޕްރޮގްރާމްގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމުން، ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވަނީ މި މަޢުލޫމާތު ކަށަވަރުކޮށްދެއްވާފައެވެ. އޮފިޝަލްގެ ބަޔާނުގައި، ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ނަގުދު ފައިސާ ބަލައިގަތުން މެދުކަނޑާލާފައިވާކަމަށާއި، މިހާރު ހުރިހާ ޚިދުމަތަކަށް ފައިސާ ދައްކަންޖެހެނީ ޕޯޓަލް ނުވަތަ ކާޑު މެދުވެރިކޮށްކަމަށް ވިދާޅުވިއެވެ. ނަމަވެސް، މި ބަދަލު ގެނެސްފައިވަނީ ކޮން އުސޫލެއްގެ ދަށުންކަން ސާފުކޮށްދެއްވާފައެއް ނުވެއެވެ.

މި ބަދަލާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިނުވާ ފަރާތްތަކަށް މި ބަދަލުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް ފާހަގަކޮށްފައިވެއެވެ. ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި:

  • ކޮންމެ މީހަކީ ސްމާޓް ފޯނު ނުވަތަ ކޭޝް ކާޑު ގެންގުޅޭނެ ފަރާތްތަކެއް ނޫން
  • ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް އަހުލުވެރިނުވާ ގިނަ ފަރާތްތަކެއް އެބަތިބި
  • ކުއްލި ޞިއްޙީ ހާލަތެއްގައި ނަގުދު ފައިސާ ފިޔަވައި އެހެން ގޮތަކަށް ފައިސާ ދެއްކުމަށް ދަތިވާނެ

ފާހަގަކޮށްލެވޭ ކަމަކީ، ހުޅުމާލެ ހޮސްޕިޓަލުން މި ބަދަލު ގެނައިނަމަވެސް، މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ އިޢުލާނެއް ނުވަތަ އެންގުމެއް ޢާންމުކޮށްފައިނުވާކަމެވެ. އަދި ލިބޭ މަޢުލޫމާތުން ދައްކާގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ޚިދުމަތްދޭ ކުންފުނިތަކުންވެސް ނަގުދު ފައިސާ ބަލައިގަތުން ވަނީ މެދުކަނޑާލާފައެވެ.

އިރޮނީއަކީ، ސަރުކާރުން މިހާރު ބޮޑު މަޝްރޫޢެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުތަކާ ގުޅިގެން އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، ނަގުދު ފައިސާ ބޭނުންކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވަމުންދާކަމެވެ.