ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ރ.އުނގޫފާރު ކައުންސިލާއި ދެމެދު އެ ރަށުގައި އެމް.އެން.ޔޫގެ އައުޓްރީޗް ސެންޓަރު ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއިކުރައްވާފައެވެ. އަދި ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން، ކައުންސިލް ރައީސް، އަބްދުﷲ ރަޝީދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

”މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުންނަށް އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތައް ލިބިގެންދިޔުމާއެކު، ދިވެހިރާއްޖެއަށް މުހިއްމު އެކި ދާއިރާތަކުން ހަރުދަނާ، ޤާބިލް ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެ“ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ޒުވާނުން ކުރިއަރައިދިޔުމަށް ޝައުގުވެރިވާ ދާއިރަކުން ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މިފަދަ އެތަށް މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.