ރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ރައްޔިތުންގެ ފުލުހުންގެ ހިދުމަތުން އިންޒާރުދީފިއެވެ.

”އައު އަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް މި ޚިދުމަތުން އިލްތިމާސް ކުރަމެވެ,“ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން, އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެފަދަ ހަރަކާތެއް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކްރިސްޓިއަނުން އެންމެ ބޮޑު މުނާސަބަތެއް ކަމަށް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 25 ވަނަ ދުވަހު ’ކްރިސްމަސް’އެވެ.

އިސްލާމް ދީން ފިޔަވާ އެހެން ދީންތަކަށް ހިތްވަރު ދިނުމަކީ، ރާއްޖޭގައި މަނާކަމެކެވެ.

އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް ގިނަ ރިސޯޓް ތަކެއްގައި ކްރިސްމަސް ފާހަގަކޮށް، އެކަން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެމްއެމްޕީއާރުސީން އިޝްތިހާރު ކުރެއެވެެ.

މިއަދު މިވަނީ މުޅި އިސްލާމީ އުންމަތަށް ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތައް ފެތުރި ޢާންމުވެފައެވެ. އެވެރިންގެ ދިރިއުޅުމުގެ އުޞޫލުތަކާއި ސިޔާސަތާއި ޙަފްލާތަކާއި ޗުއްޓީތަކާއި ހެދުން އެޅުމުގެ ވައްޓަފާޅިއާއި މިފަދަ އެތައް ކަމެކެވެ. 

މިއަދު ނަސާރައިން ފާހަގަކުރަނީ ”ކްރިސްމަސް ދުވަހުގެ ގޮތުގައެވެ.“

ނަޞާރާއިންނެކޭ އެއްފަދައިން އަހަރެމެންގެ ތެރެއިން ބައެއް މީހުނަކީވެސް މިހާރު މިޙަފްލާގައި ބައިވެރިވެ ނުވަތަ މިޙަފްލާ ފާހަގަކޮށް އަދި ދުވަހުގެ ތަހުނިޔާ ކިޔައި އުޅޭ ބައެކެވެ. ހިތާމައަކީ މިކަމަކީ ދީނުގެ އަދި ޚާއްޞަކޮށް ޢަޤީދާއާއި ގުޅިފައިވާ ބޮޑު ކަމަކަށްވާއިރު މިކަމުގެ ޙުކުމް ގިނަ މީހުންނަށް ނޭނގޭ ކަމެވެ. އަދި ހޯދަންވެސް ނޫޅެ މިކަމަށް އަރައިގަންނަކަމެވެ.

އެންމެ ފުރަތަމަ ބަލާލަންވީ މިއީ ނަޞާރާއިންގެ ދީނީ ކަމެއްތޯ ނުވަތަ ދުނިޔެވީ ޢާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްތޯއެވެ. ހުރިހާ އެންމެންވެސް އެއްބަސްވާ ޙަޤީޤަތަކީ މިއީ ނަޞާރާއިންގެ ދީނީ ޢީދެއްކަމެވެ.

އެމީހުން ބުނާ ގޮތުން އެއީ ޢީސާ عليه السلام އުފަންވެވަޑައިގެންނެވި ދުވަހެވެ. އެހެންނަމަވެސް މީގައި ހިމެނޭ އެންމެ ހަމަނުޖެހޭ އަދި ބުއްދި ޤަބޫލު ނުކުރެވޭ ތަންކޮޅަކީ އެދުވަހަކީ އެއީ ޢީސާ عليه السلام އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައި ނުވާކަމެވެ. މިވާހަކަ އެމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ.

އެމީހުންގެ މިޢީދުން ރަމްޒުކޮށްދެނީ އެމީހުންގެ ފާސިދު ޢަޤީދާއާއި ޝިރުކުގެ ޢަމަލުތަކާއި އެމީހުން ﷲ ތަޢާލާއަށް އުރެދިފައިވާ އުރެދުމެވެ. 

އަހަރުމެންގެ ނަބިއްޔާ محمّد صلى الله عليه وسلمގެ ޢީދު މީލާދު ފާހަގަ ކުރުމަކީވެސް އެކަލޭގެފާނު ނުކުރައްވަވާ އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރި ކަނބަލުންނާއި ޞަޙާބިއްޔަ ބޭކަލުންވެސް ނުކުރައްވާ ބޮޑުވެގެންވާ ބިދުޢައަކަށްވާއިރު ޢީސާ عليه السلامގެ ޢީދު މީލާދު، ނަޞާރާއިންނާއި ބައިވެރިވެ އެމީހުންނާއި އެކުގައި ފާހަގަ ކުރުން ހުއްދަވާނޭ ހެއްޔެވެ؟

ވީމާ މުސްލިމަކަށްވެ ހުރެ މިފަދަ ދުވަހެއް ފާހަގަކޮށް ނުވަތަ އޭގައި ބައިވެރިވެ ނުވަތަ އެދުވަހުގެ ތަހުނިޔާ އެކަކު އަނެކަކަށް ކިޔައި އުޅުމީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަމަށް ދަލީލުކޮށްދޭ އާޔަތްތަކާއި ޙަދީޘްތައް ބައިވަރެވެ. އެހެންކަމުން އޭގެތެރެއިން ކޮންމެވެސް މިންވަރެއް ﷲ ތަޢާލާގެ މިންވަރުފުޅާއިއެކު މިތަނުގައި ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

ޔަހޫދީންނާއި ނަޞާރާއިން، މުސްލިމުން އެމީހުންގެ މިއްލަތައް ތަބާވެއްޖައުމަށް ދާންދެން މުސްލިމުންދެކެ ނުރުހޭނެއެވެ.

الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ:

(وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ) [سورة البقرة 120]

މިއާޔަތުގެ މާނައަކީ: “އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން، ކަލޭގެފާނު އެބައިމީހުންގެ މިއްލަތަށް ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަށް ނުރުހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތެދުމަގަކީ ހަމަކަށަވަރުން الله سبحانه وتعالىގެ ތެދުމަގެވެ. ދެން ކަލޭގެފާނަށް الله تعالىގެ ކިބައިން އެކަމުގެ ޢިލްމު އައުމަށްފަހު އެބައިމީހުންގެ ހެއްލުންތަކަށް ތަބާވެއްޖެނަމަ، الله تعالىގެ ކިބައިން އެއްވެސް އެހީތެރިކަމެއް އަދި ނަޞްރެއްވެސް ކަލޭގެފާނަކަށް ނުވެއެވެ.”

މުސްލިމުންނަށްވާ ޢީދަކީ ފިޠުރު ޢީދާއި އަޟްޙާ ޢިދެވެ.

ރަސޫލު الله  صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމަށްފަހު މަދީނާގެ އަހުލުވެރިން އަހަރުގެ ދެދުވަހެއްގައި ކުޅެ މަޖާކޮށް ޢީދެއްގޮތުގައި ފާހަގަ ކުރާތީ ފެނިވަޑައިގަތެވެ. އެހިނދު ސުވާލު ކުރެއްވެވިއެވެ. “މިއީ ކޮން ދެދުވަހެއް ހެއްޔެވެ؟” ދެން މަދީނާގެ އަހުލުވެރިން ދެންނެވިއެވެ. “ތިމަންބޭކަލުން ޖާހިލިއްޔަ ޒަމާނުގައި އެ ދެދުވަހުގައި ކުޅެހަދާކަމުގައި ވީމެވެ.” ދެން ރަސޫލު  الله  صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

((إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ)) [أخرجه ابو داود، وصححه الألباني]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް އެދެދުވަސް އެއަށްވުރެ ހެޔޮ ދެދުވަހަށް ބަދަލުކޮށްދެއްވާފައި ވެއެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.”

އަދިވެސް ރަސޫލު الله صلى الله عليه وسلمމުސްލިމުންގެ ދެޢީދުންކުރެ އެއް ޢީދު ދުވަހު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا)) [أخرجه البخاري ومسلم]

މާނައީ: “ކޮންމެ ބަޔަކަށްވެސް ޢީދެއް ވެއެވެ. އަދި މިއީ އަހަރުމެން މުސްލިމުންގެ ޢީދެވެ.” (ޙަދީޘް ރިވާ ކުރައްވާފައިވަނީ ބުޚާރީއާއި މުސްލިމްއެވެ.)

މި ދެޙަދީޘުން ދަލީލުކޮށްދެނީ މުސްލިމުންނަށްވަނީ ހަމައެކަނި އެމީހުންގެ ޢީދު ދުވަސް އެކަނި ކަމެވެ. އަދި އެނޫން އެހެން ދީންތަކުގެ މީހުންގެ ޢީދުތައް ފާހަގަކޮށް ހެދުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.

ކާފަރުން އެކުވެރީންކަމުގައި ހަދައި އެމީހުންގެ ކިބައިން އެހީއާއި ވާޤިއެދި އެމީހުންނާއި ވައްތަރުވެގެންފި މީހަކުވަނީ އެމީހުންގެ ތެރެއިންނެވެ.

الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ:

(يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ) [سورة المائدة 51]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެކުވެރީންކަމުގައި ނުހަދާށެވެ. އެމީހުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެކުވެރީންނެވެ. ފަހެ ތިޔަބައިމީހުންކުރެ އެމީހުންނަކީ އެކުވެރީންކަމުގައި ހަދާ މީހުން ދަންނައެވެ. އެމީހަކު ވާކަންކަށަވަރީ އެމީހުންގެތެރެއިންވާ މީހެއް ކަމުގައެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ.”

ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) [أخرجه أبو داود وصححه الألباني]

މާނައަކީ: “ބަޔަކާ ވައްތަރުވެގެންފި މީހާ ދަންނައެވެ. ފަހެ، އޭނާވަނީ އެބައިމީހުންގެ ތެރެއިންނެވެ.”

ޤިޔާމަތް ދުވަހު އަޅުގަނޑުމެންނީ ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިންވާ ބައެއްކަމުގައި ވާން އަޅުގަނޑުމެންގެ ތެރެއިން ހަމަ އެއްވެސް މީހަކު އެދޭނެ ހެއްޔެވެ؟