ކޮވިޑްގެ އައު ވޭރިއަންޓް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ދަރިވަރުންގެ ޗުއްޓީގައި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުން މުހިންމުކަން ފާހަގަކޮށްފައެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ކޮވިޑްގެ އާ ވޭރިއެންޓެއް ކަމަށްވާ އެންޖޭ 1 ފެނި ކޮވިޑް-19 ފެތުުރުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. މިހާރުވެސް 40 އަށްވުރެ ގިނަ ގައުމުން މި ވޭރިއަންޓްގެ ވޭދަނަތައް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއިބެހޭ މައި ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިންވެސް ހާމަކޮަށްފައިވެއެވެ.
ކުރިއަށް އޮތް ސްކޫލް/ކޮލެޖް/ޔުނިވަރސިޓީ ޗުއްޓީގައި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅުތައް pic.twitter.com/fTjakdXDvv
— Health Protection Agency (@HPA_MV) December 24, 2023
އެޗްޕީއޭއިން ވަނީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ތިރީގައިވާ ފިޔަަވަޅުތައް އެޅުމަށް އިރުޝާދުދީފައެވެ.
1. އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން.
2. އުމުރުން ގިނަ ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަށް ބޭސްކުރާ ހައިރިސްކް ކެޓަގަރީގެ މީހުން ކޮވިޑް-19 ގެ ވެކްސިން އަދި އިންފްލުއެންޒާ ވެކްސިން ޖެހުން.
3. ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން.
މީގެއިތުރުން ހުމާއި ރޯގާ ޖެހިއްޖެނަމަ އަރާމުކޮށް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި ލުނބޯ ފަނި/ސައި، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދީފައި ވެއެވެ.
އެޗްޕީއޭއިން ބުނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވާން މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް ތަކެއްޗާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޗުއްޓީ ހޭދަކުރާއިރު، ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެދިފައި ވެއެވެ.