މާލޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން، ކޮންމެ އަހަރަކު އެއް ފަހަރު، ސިލްސިލާކޮށް ބާއްވާ، ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި، ބޮޑު ފަރަގަކުން ރ. ރަސްމާދޫ ބަލިކޮށް ފަހުގެ ރަނަރ-އަޕް ރ. އިނގުރައިދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ ރ. އިނގުރައިދޫ ފުޓުބޯޅަ ޓީމު، ރ. ރަސްމާދޫ ސްޕޯޓްސް ކްލަބު، ރ. ދުވާފަރު ސްޕޯޓްސް ކްލަބު އަދި ރ. އަލިފުށި ރިކްރިއޭޝަން ކުލަބެވެ.

ރ. އިންނަމާދޫ ފުޓްސަލް ދަނދުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރީ އިނގުރައިދޫ ފުޓުބޯޅަ ޓީމާއި ރަސްމާދޫ ސްޕޯޓްސް ކްލަބެވެ.

މިމެޗު 6-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ. އިންގުރައިދޫން މިމުބާރާތުގައި ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެެވެ.

މިރޭ 8:00ގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދުވާފަރު ސްޕޯޓްސް ކްލަބު އަދި އަލިފުށި ރިކްރިއޭޝަން ކްލަބެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިމުބާރާތުގެ ފަހުގެ ޗެމްޕިއަނަކީ ދުވާފަރެވެ.