ރަށްގިރުމަކީ އޮޔާއި، ވަޔާއި، ރާޅު ހުންނަގޮތުން ރަށުގެ ގޮނޑުދޮށުގެ ވެލިގަނޑުން އުނިވަމުން ދިޔުމެވެ. ރާއްޖޭގެ ގިނަ ރަށްރަށެކޭވެސް އެއްގޮތަށް ރ. ވާދޫއަކީވެސް ޒަމާނުންސުރެ ރަށްގިރުމުގެ މައްސަަލަ ބޮޑު ރަށެކެވެ.
ރަށްގިރާތީ ވާދޫ ބިމުން އަހަރަކު 90،000 އަކަފޫޓަށްވުރެ ބޮޑުބައެއް އުނިވެއެވެ. ވާދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް މިމައްސަލައަށް ހައްލު ހޯދައިދިނުމަށް ނިމިދިޔަ ސަރުކާރުން ވާދޫގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގަން ނިންމިއެވެ. އަދި އެމަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރިއެވެ.
17 ޖެނުއަރީ 2023 ގައި އއ. ރަސްދޫ އާއި ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ނަަމަވެސް އެ ކުންފުނިން މިމަޝްރޫއު ފަށާފައި ނުވެއެވެ.

ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން:
- މިރަށުގެ އިރު ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ވައި ގްރޮއިން ގާއިމުކުރާނެ.
- އެސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރާނެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 14،527،026.60 ރުފިޔާއަށެވެ.
ވާދޫގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ރަށުގެ ހުޅަަނގު ދެކުނު އަދި ހުޅަނގު އުތުރު ފަރާތަށެވެ.
