ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ މަޖިލިސް ޕްރައިމަރީގައި ރ. އަލިފުށީ ދާއިރާއިން ވާދަކުރެއްވުމަށް، މިހާރުވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ނިންމަވައިފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުންގެންދަވާ، މެމްބަރު މުޙައްމަދު ރަޝީދު ވަނީ މިކަން ރ. ވާދޫ ލައިވްއަށް ކަށަވަރުކޮށްދެއްވާފައެވެ. މެމްބަރު ވިދާޅުވި ގޮތުގައި، ޕްރައިމަރީގައި ވާދަކުރައްވަންޖެހިވަޑައިގަންނަވަނީ އެންމެ ކެންޑިޑޭޓަކާއެވެ.
އެމްޑީޕީގެ ’މަޖިލިސް 20‘ ޕްރައިމަރީގައި އަލިފުށީ ދާއިރާއިން ދެ ކެންޑިޑޭޓުން ވާދަކުރައްވާއިރު، މެމްބަރު މުޙައްމަދު ރަޝީދު ފާހަގަކޮށްލެވެނީ ދާއިރާއަށް ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މެމްބަރު މުޙައްމަދު ރަޝީދު އަލިފުށީ ދާއިރާ ތަމްސީލުކުރައްވާ ދެވަނަ ދައުރެވެ.
މުޙައްމަދު ރަޝީދު ހުސެއިން ނުވަތަ އާންމު ނަމުން ނަމަ ’ބިގޭ‘ އަކީ ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފްކުރުމުގައްޔާއި ސިޔާސީ އިސްލާޙީ މަސައްކަތުގައި އެމްޑީޕީއާއެކު ދެގޮތެއް ނުވެ ހުންނެވި ބޭފުޅެކެވެ.
މެމްބަރު މުޙައްމަދު ރަޝީދު ފާހަގުރެވެނީ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމާއި ގަދަރު އަދި އިތުބާރު ލިބިފައިވާ މެމްބަރެއްގެ ގޮތުގައެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ނުވަތަ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި ހިންގި އިސްލާޙީ މަސައްކަތުގައި ހިތްވަރާއި އަޒުމާއި ކެރުމާއެކު މެމްބަރު މުޙައްމަދު ރަޝީދު އުޅުއްވިއެވެ.
ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ފުރަތަމަވެސް ތެދުވާ އެއް ބޭފުޅަކީ އަލިފުށި ދާއިރާގެ މެންބަރެވެ.
