ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސް ގުޅިގެން އިންވެސްޓުކޮށްފައިވާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އޮފް މޯލްޑިވްސް (ޑީއެސްސީއޯއެމް) ހުރިހާ ލޭންޑިންގ ޕޮއިންޓްތަކަށް ފޯރައިފިއެވެ.

ފަސް ސެގްމެންޓެއް ހިމެނޭ މި ކޭބަލް ނިޒާމުން ހުޅުމާލެ، މާފުށި، ކުޑަހުވަދޫ، މާމިގިލި، ދަނގެތި، އޭދަފުށި، އަދި ވެލިދޫގެ އިތުރުން ދުވާފަރު ގުޅުވައިލާނެއެވެ.

އެ މަސައްކަތް ކުރާ އެޗްއެމްއެން ޓެކްއިން ބުނި ގޮތުގައި، އެ ކޭބަލް އެޅުމުން ހައި ސްޕީޑް ނެޓްވޯކް ކަވަރޭޖް ރަނގަޅުވެ، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއަރާނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި މުރަކަ ފަރުތައް އުފެދިފައިވާ ގޮތުން ކޭބަލް އެޅުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. 

ނަމަވެސް އެ ކުންފުނިން ކޭބަލް އަޅަނީ އެކަމަށް ވިސްނައި، ކޭބަލްގެ އެތެރެއާއި ބޭރު ވެސް، ދިމާވެދާނެ ނުރައްކަލުން ރައްކާތެރިކުރެވޭ ގޮތަށެވެ.