ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
އެމްޑީޕީން ބުނީ އެހެން ނަމަވެސް، ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ޚިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިބި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެ ޕާޓީން ބުނީ، ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށެވެ.
ބަޔާން ކުރުކޮށްލަމުން އެމްޑީޕީން ގޮވާލާފައިވަނީ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އެ ބޭފުޅުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށެވެ.